މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އަމަލުކުރަން ފެށި ގޭންގު ކުށްތައް ހުއްޓުވުމުގެ އާ ގާނޫނުގެ ދަށުން، ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން، މާލެއިން ހައްޔަރުކުރި މި ތިން މީހުންގެ ތެރެއިން އެކަކު 30 ދުވަހުގެ މުއްދަތަށް އަދި އަނެއް ދެމީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ ދެ ވަޅި ގެންގުޅުމުގެ ތުހުމަތުގައެވެ.
އެ ތިން މީހުން ހައްޔަރު ކުރުމާ ގުޅޭ ތަފްސީލުތައް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން ހަރުކަށި އަދަބުތައް ވެސް މި ގާނޫނުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި 10 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ޖަލަށް ލުމާއި، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުން ހިމެނެއެވެ.

