އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް (ޑަބްލިއުޑީސީ) ދެމުންދާ ބަޖެޓް ބޮޑުކުރަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އެމަނިކުފާނު އެކަން ހާމަކުރެއްވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.
ރައީސް ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، 2026 ވަނަ އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން، ދެ ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ 5 އިންސައްތަ ދެގުނަ ބޮޑުކޮށް، 10 އިންސައްތަ އަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށްވެސް ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވިއެވެ.

