ފުވައްމުލައް އެއަރޕޯޓުގެ ޙާލަތު ދެނެގަނެ، އެ އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާ ބެހޭގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ފުވައްމުލައް ސިޓީ ކައުންސިލާ ދެމެދު މަޝްވަރާކޮށްފިއެވެ. މި މުހިންމު ބައްދަލުކުރެއްވުން އޮތީ ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުވުމުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝަރީފް މުޙައްމަދާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ އިސްމާޢިލް ރަފީޤްގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންގެ ޓީމަކާއި ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މަޝްވަރާތަކުގެ ތެރެއިން އެމްއޭސީއެލްގެ އިސްވެރިންގެ ޓީމުން ވަނީ އެއަރޕޯޓްގެ މިހާރުގެ ޙާލަތު ބައްލަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ފުވައްމުލައް އެއަރޕޯޓުގައި ޚިދުމަތްތައް ދިނުމުގައި ހުރި ދަތިތަކާއި، ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ހޯދުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ. އަދި އެއަރޕޯޓުގެ މިހާރުގެ ޙާލަތު ރަނގަޅަށް ދެނެގަތުމަށްޓަކައި ދިރާސާއެއް ހެދުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
އޭގެ އިތުރުން، އެއަރޕޯޓްގެ ޚިދުމަތަށް ޒަމާނީ ބަދަލުތައް ގެނައުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުންވެސް އެމްއޭސީއެލްއި ސިޓީ ކައުންސިލާ ދެމެދު މަޢުލޫމާތު ބަދަލުކޮށްފައިވެއެވެ. ފުވައްމުލައް އެއަރޕޯޓް އެމްއޭސީއެލްގެ ދަށަށް ބަދަލުވުމާ ގުޅިގެން، އެއަރޕޯޓް ތަރައްޤީކުރުމުގައި އިސްކަންދޭނެ މުހިންމު ކަންކަމާގުޅޭ މަޢުލޫމާތުވެސް ސިޓީ ކައުންސިލާ ވަނީ ޙިއްސާކުރައްވާފައެވެ.
ފުވައްމުލައް އެއަރޕޯޓް ތަރައްޤީކޮށް ހުޅުވާފައިވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. މިހާރު އެއަރޕޯޓުގައި ބޭނުންކުރަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ.
އެއަރޕޯޓަށް ބައެއް ބަދަލުތައް ގެނައުމާ، އިތުރު ތަރައްޤީތައް ގެނައުމާ ގުޅޭގޮތުން މިދިޔަ އަހަރުވެސް ބައެއް ދިރާސާތައް ކުރިއަށްގެންދިޔައެވެ. އެގޮތުން ރަންވޭ ބޮޑުކުރުމުގެ ފުރުޞަތު އޮތްތޯ ބެލުމާއި، ޕެސެންޖަރ ޓަރމިނަލް އިތުރަށް ތަރައްޤީކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ދެނެގަތުމުގެ މަސައްކަތްތައް ކުރެވިފައިވެއެވެ. އޭރު ކުރިއަށްގެންދިޔަ މަސައްކަތްތަކަކީ ޖެޓް ޖެއްސޭ ފެންވަރަށް އެއަރޕޯޓް ތަރައްޤީކުރުމާއި، އެއަރޕޯޓްގެ ރަންވޭ 1800 މީޓަރަށް ބޮޑުކުރުމުގެ ފުރުޞަތު އޮތްތޯ ދެނެގަތުމުގެ ސަރވޭއެކެވެ. މީގެ އިތުރުން، ފަތުރުވެރިކަމަށް ޚާއްސަ އޭރިއާއެއް ތަރައްޤީކުރުމަށްވެސް އޭރު ވަނީ މަޝްވަރާކޮށްފައެވެ.

