ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް މިދިޔަ މަހު އަމަލުކުރަން ފެށި އާ ގާނޫނުގެ ދަށުން ހައްޔަރު ކުރެވުނު ތިން މީހުންގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ އާންމުކޮށްފައެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މާލޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމްވެގެން ނުރައްކާތެރި ކުށްތައް ކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަނަކަށް ޖަމާކޮށްފައި ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، މި މަހުގެ 3 ވަނަ ދުވަހު ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން ވަނީ ބަލައި ފާސްކޮށްފައެވެ.
މި ގެ ބަލައި ފާސްކުރުމުގައި ތޫނު ހަތިޔާރު ފެނުމާ ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ މއ. މޯނިންގވިޔު، އަޙްމަދު ނަވާޒު (30 އަހަރު)، މއ. މޯނިންގވިޔު، އިބްރާހީމް ޒައިދާން (22 އަހަރު) އަދި ލ. މާބައިދޫ، ބަށިމާގެ، މުޙައްމަދު ޝިދާދު (22 އަހަރު) އެވެ.
ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ނަވާޒު 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށާއި، އިބްރާހީމް ޒައިދާނާއި މުޙައްމަދު ޝިދާދު 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި އަމުރު ނެރެފައިވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުގައި މި މައްސަލައިގެ ތަހުގީގު މިހާރުވެސް ދަނީ ކުރިއަށެވެ.

