ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ހަތް އަތޮޅަކަށް ހައިވަކަރު ގަސް ފޮނުވުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި މި މަސައްކަތުގެ ދަށުން ހައިވަކަރު ގަސް ފޯރުކޮށްދެވޭނީ ވ. އަތޮޅު، ފ. އަތޮޅު، ނ. އަތޮޅު، ލ. އަތޮޅު، ތ. އަތޮޅު، ގއ. އަތޮޅު އަދި ގދ. އަތޮޅުގެ ރަށްރަށަށެވެ. މިއީ ރާއްޖޭގެ ރަށްރަށުގެ ފެހިކަން އިއާދަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން އަވައްޓެރި ސްރީލަންކާ ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ހައިވަކަރު ގަސް ދިވެހި ސަރުކާރަށް ހަދިޔާކޮށްފައެވެ. މި ގަސްތައް ބޭނުންކުރެވޭނީ މީހުން ދިރިއުޅޭ ރަށްތަކާއި، ރިސޯޓުތަކާއި އެއަރޕޯޓު ހުންނަ ސަރަހައްދުތަކުގައި އިންދުމަށެވެ. ސަރުކާރުގެ އަމާޒަކީ ހައިވަކަރު ގަހަކީ ރާއްޖޭގެ ރަށްރަށުގެ މަލަމަތީގެ ބިންފާހަގައެއްގެ ގޮތުގައި ހެދުމެވެ.
ފަސް މިލިއަން ގަސް ޕްރޮގްރާމުގެ ދަށުން މިހާތަނަށް 650،000 ގަސް ވަނީ އިންދާފައެވެ. އަދި މުޅި މަޝްރޫޢު ނިމޭއިރު 6.4 މިލިއަން ގަސް އިންދޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. މި ޕްރޮގްރާމުގެ ދަށުން އިންދުމަށް ހަމަޖެހިފައިވަނީ އެކި ބާވަތްތަކުގެ ބަގީޗާ ގަސްތަކުގެ އިތުރުން ރާއްޖޭގެ ރަށްރަށުން ނެތެމުންދާ ގަސްތަކެވެ.
ހައިވަކަރު ގަހަކީ ކުރީގައި ރާއްޖޭގެ ރަށްރަށުގައި ގިނައިން ފެންނަން ހުރި ގަހެއް ނަމަވެސް، މިހާރު ވަރަށް މަދުން ނޫނީ ނުފެންނަ ގަހަކަށް ވެފައިވާތީ، މި ގަސް އަލުން ރާއްޖޭގެ ރަށްރަށުގައި އާލާކުރުމަކީ ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

