ރާއްޖޭގެ ކޮންމެ ދަރިވަރަކީ ދިވެހިވަންތަ އިސްލާމީ ސިފަތަކުން، ސިފަ ލިބިގެންވާ ދަރިވަރަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓުލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލު ސިފަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އެއީ މާނަފުން ތާރީޚެއް އޮތް، ގިނަ ބަޔަކު އެކުވެގެން އިންދި ތަޢުލީމި ގަހެއް ކަމަށެވެ. އެ ގަހުން މިއަދު ދިވެހި ޤައުމަށް ފޮނިމޭވާ ލިބެމުންދާ ކަމަށާއި، ޤައުމީ ފެންވަރުގައި ފަޚުރުވެރިވަނަތައް ހޯދާ ގިނަ ދަރިވަރުންތަކެއް އުފައްދާ ސްކޫލެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ތަޢުލީމަކީ ލިބިގެންވާ ބޮޑު ނިޢުމަތެއް އަދި ޒިންމާއެއް ކަމުގައި ފަސްޓުލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ. އެކަމަނާ ވަނީ ތަޢުލީމު ހާސިލްކުރުމަކީ ނިމުމެއް އޮތް ކަމެއް ނޫންކަން ހަނދާންކޮށްދެއްވައި، ތަޢުލީމު ލިބިގަތުމުގައި ދެމިތިބުމަށް ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ. އޭގެ އިތުރުން ކޮންމެ ކުއްޖަކީވެސް ނަފުސަށް ތެދުވެރި، ދީންވެރި އަދި ޤައުމަށް ވަފާތެރި ކުއްޖަކަށް ވާންޖެހޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
“ކޮންމެ ކުއްޖަކުވެސް އަމިއްލަ ނަފުސަށް ތެދުވެރިވުން މުހިންމު. ކޮންމެ ކުއްޖަކު މާތްވެގެންވާ އިސްލާމްދީނަށް ކަމޭހިތުން މުހިންމު. ކޮންމެ ކުއްޖަކު ދިވެހި ޤައުމަށް ވަފާތެރިވުން މުހިންމު. ކޮންމެ ކުއްޖަކީވެސް އަޚްލާގު ރަނގަޅު، މަސައްކަތްތެރި ހީވަގި އަދި ރާއްޖެއާއި ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމް ދިވެއްސަކަށްވުން މުހިންމު،” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވެފައިވެއެވެ.
ފަސްޓުލޭޑީ ވިދާޅުވި ގޮތުގައި މިކަންކަމަށް ފަރުވާތެރިވެއްޖެނަމަ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާނެއެވެ. އަދި ދުނިޔޭގައި ހަގީގީ މިނިވަންކަން ލިބި، އެފަދަ ޢިލްމެއް ހާސިލް ކުރުމަކީ އިންސާނިއްޔަތަށް ލިބޭނެ ހިޔާވައްސެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އެފަދަ ދަރިވަރަކީ ވިސްނުން ތަނަވަސް، ހުރިހާ ރޮނގަކުން ޒަމާނާ ފައިހަމަކުރާނެ ދަރިވަރެއް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. ނަފްސަށް ތެދުވެރިވެ، ދީނަށް ކަމޭހިތައި، ޤައުމަށް ވަފާތެރިވެ ތަޢުލީމު ހާސިލް ކުރާ ދަރިވަރުން، ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމަކީ އެ ދަރިވަރެއްގެ އެންމެ އަގުހުރި ފޭރާން ކަމުގައި ހަދާނެކަމަށްވެސް ފަސްޓުލޭޑީ ވިދާޅުވިއެވެ.
މީގެ އިތުރުން، ތަޢުލީމެއް ދިނުމުގެ ހަގީގީ ބޭނުންތަކާމެދު ބެެލެނިވެރިންނާއި މުދައްރިސުން ވިސްނުން މުހިންމުކަން ފާހަގަކުރައްވައި، ބިނާ ކުރާ ދަރިވަރަކީ މުސްލިމް ދިވެއްސެއްގެ ގޮތުގައި ބިނާވެގެންދާ ދަރިވަރެއްކަން ކަށަވަރުކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. މިކަމަށްޓަކައި ބޭނުންވަނީ ނަމޫނާ ކަމަށާއި، އެ ނަމޫނާ ގޭތެރެއިންނާއި ވެށިން ފެންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

