ޖަޕާނުގައި ނިޔާވި ހާރިޖީ ވުޒާރާގެ އަންހެން މުވައްޒަފެއް ކަމަށްވާ ލުޖައިނާ ތަސްނީމާގެ ހަށިގަނޑު ރާއްޖެއަށް ގެނެސް ޖަނާޒާ މިއަދު މެންދުރު ހުޅުމާލެ ސަހަރާގައި ބޭއްވުމަށް ނިންމައިފި އެވެ.
ލުޖައިނާ ނިޔާވެފައިވާ ކަން ފޮރިން މިނިސްޓްރީން އާންމުކޮށް އިއުލާނުކުރީ ނިމިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާ ދިރިއުޅެމުން ދިޔަ ކޮޓަރީގައި ނިޔާވެފައި އޮއްވާ ފެނުނު ނަމަވެސް، މަރުގެ ސަބަބު އަދިވެސް ވަނީ ނޭނގިއެވެ.
ފޮރިން މިނިސްޓްރީން ދެއްވި މައުލޫމާތުގައިވާ ގޮތުން، ލުޖައިނާ ނިޔާވި އިރު ހުރީ ޖަޕާނުގެ ރިޓްސުމައިކަން ޔުނިވާސިޓީގައި މާސްޓާސް އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސް ކޯހެއް ފުރިހަމަކޮށް، ރާއްޖެ އައުމުގެ ތައްޔާރީތައް ކުރަމުންނެވެ. މި ކޯހަކީ ސްކޮލަޝިޕް ޕްރޮގްރާމެއްގެ ދަށުން އޭނާ ހާސިލު ކުރަމުންދިޔަ ކޯހެކެވެ.
ލުޖައިނާގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މިއަދު މެންދުރު ނަމާދުގެ ފަހުގައި ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.
ފޮރިން މިނިސްޓްރީން ކުރިން ދެއްވި މައުލޫމާތުގައި، “ލުޖައިނާއަކީ މަސައްކަތްތެރި، އޯގާތެރި އަދި ވިސްނުންތެރި މުވައްޒަފެއް،” ކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި އޭނާއަކީ އެންމެންގެ ލޮބުވެތި ރަހުމަތްތެރިއެއް ކަމަށާއި، މިނިސްޓްރީގައި އުޖާލާ މުސްތަގުބަލެއް އޮތް މުވައްޒަފެއްގެ ގޮތުގައިވެސް ސިފަކުރައްވާފައިވެއެވެ.

