ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަނި އަދާކުރުމަށް މި އަހަރުގެ މިހާތަނަށް ހަތް ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް ޚަރަދުވެފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އޯގަސްޓު 28 ވަނަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، މިއަހަރު ދަރަނި އަދާކުރުމަށް ކުރަންޖެހުނު ޚަރަދު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރުވެފައިވެއެވެ. އެގޮތުން ލޯނުތައް އަދާކުރުމަށް މިއަހަރުގެ މިހާތަނަށް 3.9 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުވި 1.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 144 އިންސައްތައިގެ އިތުރުވުމެކެވެ.
ލޯނުތަކުގެ އިންޓަރެސްޓާއި ފައިނޭންސިންގ ޚަރަދުތަކާއެކު މިއަހަރުގެ މިހާތަނަށް ދަރަނި އަދާކުރުމަށް ޖުމުލަ 6.7 ބިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ދަރަނި އަދާކުރުމަށް ޚަރަދުވި 4.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 48 އިންސައްތައިގެ އިތުރުވުމެކެވެ.
ނަމަވެސް، ދަރަނި އަދާކުރުމުގެ ޚަރަދުތައް މިހާ ބޮޑުތަން އިތުރުވިނަމަވެސް، ދައުލަތުގެ ޖުމުލަ ޚަރަދުތައް ލިބޭ އާމްދަނީއަށްވުރެ އިތުރުވިޔަ ނުދީ ހިފެހެއްޓުމަށް ސަރުކާރަށް ވަނީ ކާމިޔާބު ވެފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި 5.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ހުރި ބަޖެޓު، މިއަހަރުގެ މި މުއްދަތުގައި ވަނީ 536 މިލިއަން ރުފިޔާގެ ސަރޕްލަސްއަކަށް ބަދަލުވެފައެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތައް ވަނީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 15 އިންސައްތައިން ދަށްކުރެވިފައެވެ. އަދި ހަމައެއާއެކު، ދައުލަތަށް ލިބޭ އާމްދަނީވެސް ވަނީ ވޭތުވެދިޔަ އަހަރަށްވުރެ އިތުރުވެފައިކަން ފާހަގަކުރެވެއެވެ.

