ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް 1،895 އެނދު އިތުރުކޮށްފައިވެއެވެ. މިއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު ޖުމްލަ 65،143 އެނދު ހިމެނެއެވެ.
ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު ހުރީ 63،248 ގައެވެ. މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާ އެނދުތަކުގެ ތެރޭގައި ރިސޯޓުތަކުގެ 43،247 އެނދާއި، ގެސްޓު ހައުސްތަކުގެ 15،494 އެނދާއި، ސަފާރީތަކުގެ 3،918 އެނދާއި އަދި ހޮޓާތަކުގެ 2،484 އެނދު ހިމެނެއެވެ.
ފަތުރުވެރިކަމުގެ ވިޔަފާރީގައި މިހާރު ހަރަކާތްތެރިވަމުންދާ ފެސިލިޓީތަކުގެ ތެރޭގައި 174 ރިސޯޓާއި، 903 ގެސްޓުހައުސްއާއި، 161 ސަފާރީއާއި، 16 ހޮޓާ ހިމެނޭގޮތަށް ޖުމްލަ 1،254 ޓޫރިސްޓު ފެސިލިޓީ ހިމެނެއެވެ.
އެނދުގެ އަދަދު އިތުރުވަމުންދާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،492،075 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.4 އިންސައްތައިގެ ކުރިއެރުމެކެވެ.
މިއަހަރު ސަރުކާރުން އަމާޒުހިފާފައިވަނީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. މި އަމާޒު ހާސިލުކުރުމަށް އަހަރުގެ ބާކީ އޮތް 120 ދުވަހުގެ ތެރޭގައި ދުވާލަކު 6،732 ފަތުރުވެރިން ރާއްޖެއަށް އަންނަންޖެހޭއިރު، ކުރިއަށް އޮތީ ހައި ސީޒަން ކަމަށްވުމާއެކު މި އަމާޒު ހާސިލުކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

