ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެއް ބާނީ، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިދިޔަ ހަފްތާގައި ސިންގަޕޫރުގައި އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ހަނދާނުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ތައުޒިޔާ ދަފްތަރެއް ހުޅުވުމަށް ނިންމައިފި އެވެ.
މަޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ތައުޒިޔާ ދަފްތަރުގައި ސޮއި ކުރުމުގެ ފުރުސަތު މާދަމާއިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ. ނަމަވެސް ހުކުރު ދުވަހު ތައުޒިޔާ ދަފްތަރުގައި ސޮއިކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް މަޓީން ބުނެފައިވެއެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ ފަސްމީރު ބިލްޑިންގގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ މަޓީ އޮފީހުގައި ކުރިއަށްދާ މި ސޮއިކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މަޓީގެ މެމްބަރުންނާއި، ސަރުކާރުގެ އިސްވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންނަށް ވެސް މެއެވެ.
ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެވެރިޔާ އެމްޔޫ މަނިކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފެށިގެން އައުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅެވެ. އަދި މަޓީގެ ކޯ ފައުންޑަރެއްގެ ގޮތުގައި ވެސް އެމަނިކުފާނު ވަނީ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
އެމްޔޫ މަނިކު އެންމެ ފަހުން ފުރުއްވާފައިވާ މަގާމަކީ އެމްއޭސީއެލްގެ ޗެއާމަންކަމެވެ. މި މަގާމަށް އޭނާ އައްޔަންކުރެއްވީ 2013 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ނަމަވެސް 2024 ވަނަ އަހަރު އެމަނިކުފާނުގެ ބަލި ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން އެ މަގާމުން އިސްތިއުފާ ދެއްވިއެވެ. އަދި އޭގެ ފަހުން ސިންގަޕޫރުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ވަނިކޮށް އަވަހާރަވެ ވަޑައިގެންނެވިއެވެ.

