ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ ތެރެއިން ފްލެޓް ލިބޭ 2،955 ފަރާތަކާއެކު އެއްބަސްވުން ހަދާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ. މިއީ ގިނަ ބަޔަކަށް ދިގު އިންތިޒާރަކަށް ފަހު ލިބުނު ހުވަފެނެއް ހަގީގަތަކަށް ވުމުގެ މުހިންމު ފިޔަވަޅެކެވެ.
ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ކުރަން ޖެހޭ އެންމެހާ މުއާމަލާތްތައް ކުރިއަށް ގެންދާނީ އެފްޑީސީއިންނެވެ. އެފްޑީސީން ވިދާޅުވީ، މި ސްކީމްގެ ދަށުން މިހާތަނަށް ތާވަލު ކުރެވުނު އެއްބަސްވުންތަކުގެ އަދަދަކީ 3،070 ކަމަށެވެ. އަދި އޭގެ ތެރެއިން މިހާތަނަށް ސޮއި ކުރެވުނު އެއްބަސްވުންތަކުގެ އަދަދަކީ 2،955 ކަމަށްވެސް އެފްޑީސީން ވަނީ ހާމަކުރައްވާފައެވެ.
ރައްޔިތުންނަށް ދިރިއުޅުމުގެ ދަތިކަން ލުއިކޮށްދިނުމުގެ ގޮތުން ފެށުނު މި ފްލެޓުތަކުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ކުރިއަށްދާ މި ބިޔަ މަޝްރޫއުގެ ކޮންޓްރެކްޓަރުންނަކީ އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އެވެ.
މި މަޝްރޫއުގައި ޖުމްލަ 32 ޓަވަރު ހިމެނޭއިރު، އޭގެ ތެރެއިން 16 ޓަވަރު އެންބީސީސީން ކުރިއަށް ގެންދާ އިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ. ކޮންމެ ކުންފުންޏަކުން ވެސް 2،000 ފްލެޓުގެ މަސައްކަތް ކުރިއަށް ގެންދެއެވެ. އެ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1200 އެޕާޓްމެންޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 900 އަކަފޫޓުގެ ތަނަވަސް އެޕާޓްމަންޓްތަކެވެ.

