އައްޑޫ ސިޓީން ރޭ ދަންވަރު ކަރަންޓު ކެނޑުނީ މީހަކު ކޭބަލަކަށް ގެއްލުން ދޭން އުޅެނިކޮށް ކަމަށް ފެނަކައިން ހާމަކޮށްފިއެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ވަނީ ރޭ ދަންވަރު ގާތްގަނޑަކަށް 2:40 ހާއިރު ފެނަކަ ކުންފުނީގެ އެލާމް ސިސްޓަމަށް ނޮޓިފިކޭޝަންތައް ލިބި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް ކެނޑުނުކަން ސަމާލުކަމަށް އައި ކަމަށެވެ. ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތްކޮށް މަސައްލަ ދިމާވި ސަބަބު ދެނެގަތުމަށްޓަކައި މުވައްޒަފުން ވަގުތުން ހަރަކާތްތެރިވި ކަމަށް އެ ބަޔާނުގައިވެއެވެ.
އަދި އައްޑޫ ސިޓީ ފެނަކައިގެ މުވައްޒަފުން ކުރި މަސައްކަތުން ރޭ ފަތިހު 5:55 ގައި މުޅި ސިޓީއަށް އަލުން ކަރަންޓު ދެވުނު ކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
“މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށްޓަކައި ބެލިބެލުމުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވަނީ އައްޑޫގެ 41 ނަންބަރު ސަބްސަޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ހިނގައި ސެންޓްްރަލް ޕަވާ ހައުސް އެއްކޮށް ޑައުންވުމުގެ ސަބަބުންކަން ދެނެގަނެވުނު.” ފެނަކައިގެ ބަޔާނުގައިވެއެވެ.
ފެނަކައިގެ ބަޔާނުގައި ވަނީ އެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަމުންގެންދާނެ ކަމަށެވެ.
އަދި އެފަދަ އަމަލުތަކަކީ ކުންފުނީގެ މުދަލަށް ގެއްލުން ލިބުމުގެ އިތުރުން އާންމު ރައްޔިތުންނަށް ތަކުލީފު ލިބުމާއި އެފަދަ އަމަލެއް ކުރާ ފަރާތްތަކަށާއި ނުވަތަ އަމަލުގައި ބައިވެރިވާ ފަރާތްތަކުގެ ހަށިގަނޑަށާއި ފުރާނަޔަށް ނުރައްކާވެދާނެފަދަ ކަންކަން ކަމަށްވުމުން އެކަން ނުކުރުމަށް ފެނަކައިން ވަނީ އިލްތިމާސްކޮށްފައެވެ.
ފެނަކައިން ނެރުނު ބަޔާނުގައި ވަނީ އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދީފައެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށްޓަކައި ފެނަކައިން މާފަށް އެދިފައިވެއެވެ.
ކޭބަލް ބުރިކުރަން އުޅުނު މީހާ، ކަރަންޓު ޖެހިގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށްވެއެވެ. އޭނާގެ އަތަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަން “ވަގުތަށް” ލިބިފައިވާ ފޮޓޯތަކުން ފެނެއެވެ.
މާލޭގައި ކަރަންޓު ކޭބަލް ބުރިކޮށްގެން ވަގަށް ނެގުމުގެ މައްސަލަތައް މީގެކުރިން ފާހަގަކުރެވިފައިވެއެވެ. އަދި މި ފަހުން ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން މަރު ވެސް ވިއެވެ.

