ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި، އާންމުކޮށް އަތޮޅުތަކުން ނުލިބޭ ހާއްސަ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އާއި ސިއްހީ ވުޒާރާ ގުޅިގެން މަލްޓި ސްޕެޝަލިޓީ ސާޖިކަލް ކޭމްޕެއް އިއްޔެ ފަށައިފިއެވެ.
މި މަހުގެ 5 އިން 8 އާ ހަމައަށް ކުރިއަށްދާ މި ކޭމްޕްގައި ސިކުނޑިއާއި ނާރުގެ ބަލިތަކާއި، ގޮހޮރުގެ ބަލިތަކާއި، ކެންސަރު ބައްޔާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޝަން، އާއްމު އޮޕަރޭޝަންތަކުގެ ހާއްސަ ޑޮކްޓަރުންނާއި ލެޕްރޮސްކޮޕިކް ސާޖަރީގެ އިތުރުން، ނުފިލާ ހުންނަ ތަދުތަކަށް ފަރުވާދިނުން ހިމެނެއެވެ.
އެމްސީޖީއެޗް އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ކޭމްޕަކީ އަތޮޅުތަކުގެ ރައްޔިތުންނަށް ދިމާވާ ބޮޑެތި ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ފަހިކުރުމަށް ކުރިއަށް ގެންދާ އައުޓްރީޗް ޕްރޮގްރާމެކެވެ. މީގެ އިތުރުން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެޑިކަލް ސްޓާފުންނަށް ތަމްރީން ދިނުމާއި، ހޮސްޕިޓަލުގެ ކްލިނިކަލް އަދި ފަންކްޝަނަލް ކެޕޭސިޓީ ބެލުން ވެސް މި ކޭމްޕްގައި ހިމެނެއެވެ.
އެމްސީޖީއެޗް އިން ވިދާޅުވާ ގޮތުގައި މީގެ ކުރިން ވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ލ. އަތޮޅު ގަމު ހޮސްޕިޓަލުގައި މިފަދަ އައުޓްރީޗް ކޭމްޕުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި ޕްރޮގްރާމަށް އަތޮޅުތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ފަރާތުން ފާހަގަކުރައްވައެވެ.
ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ޓެލެމެޑިސިންގެ ހިދުމަތް މެދުވެރިކޮށް މަލްޓި ސްޕެޝަލިޓީގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. މިގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ފ. އަތޮޅު ހޮސްޕިޓަލާ ގުޅިގެން ޕައިލެޓް ޕްރޮގްރާމެއް މިހާރު ދަނީ ކުރިއަށެވެ.
އެމްސީޖީއެޗްގެ އަމާޒަކީ ރާއްޖޭގެ އަތޮޅުތަކުގައި ދެއްވާ ސިއްހީ ހިދުމަތް އިތުރަށް ފުޅާކުރުމަށް، ހެލްތު މިނިސްޓްރީއާއި، ރީޖަނަލް ހޮސްޕިޓަލްތަކާ ގުޅިގެން، ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމެވެ.

