މި އަހަރުގެ މިހާތަނަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް (އެސްޑީއެފް) ސަރުކާރުން ޖަމާކުރި ފައިސާގެ އަދަދު 46 އިންސައްތައަށް ވުރެ އިތުރުވެފައިވާކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ރާއްޖޭގެ ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
އެސްޑީއެފަކީ ރާއްޖެއިން ނަގާ ދަރަނި އަދާކުރުމަށްޓަކައި ފައިސާ ރައްކާކުރުމަށް 2017 ވަނަ އަހަރު ގާއިމުކުރި ފަންޑެކެވެ. މި ފަންޑަށް ފައިސާ ޖަމާކުރަނީ އެއާޕޯޓުން ފުރާ މީހުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމެންޓް ފީންނެވެ. ނަމަވެސް މި ފަންޑުގެ ބޭނުމާ ޚިލާފަށް، ކުރީ ސަރުކާރުގެ ދުވަސްވަރު އެ ފަންޑުގައި ހުރި ބޭރު ފައިސާގެ ބޮޑު ބައެއް ދިވެހި ރުފިޔާއަށް ބަދަލުކުރެވުނެވެ.
އެގޮތުން، 2019 ވަނަ އަހަރު ފިނޭންސް މިނިސްޓްރީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ދެމެދު އެއްބަސްވުމެއް ގާއިމުކުރެވުނެވެ. މިއީ ކޮވިޑް-19 އައުމުގެ ކުރިންނެވެ. އެއަށްފަހު، 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ފަންޑުގެ އެކައުންޓުތަކުގެ ތެރެއިން ޑޮލަރުން ފައިސާ ރައްކާކޮށްފައި ހުރި އެކައުންޓުތައް ހުސްވިއެވެ. އޮޑިޓު ރިޕޯޓުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު ފަންޑުގެ 94 އިންސައްތަ ހުރީ ޑޮލަރުން ނަމަވެސް، 2019 ވަނަ އަހަރު އެ އަދަދު 30 އިންސައްތައަށް، 2020 ގައި 21 އިންސައްތައަށް އަދި 2021 ގައި 15 އިންސައްތައަށް ވެއްޓުނެވެ. އަދި 2023 ވަނަ އަހަރު ނިމުނުއިރު ފަންޑުގެ ފައިސާއިން ޑޮލަރުން ހުރީ އެންމެ 35 އިންސައްތައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެސްޑީއެފަށް ފައިސާ ޖަމާކުރަމުން އަންނަނީ ޑޮލަރުންނެވެ. މި ސަރުކާރުން ވަނީ އަހަރުން އަހަރަށް އެ ފަންޑަށް ޖަމާކުރާ ފައިސާގެ މިންވަރު އިތުރުކުރުމުގެ ސިޔާސަތެއް ގެންގުޅެފައެވެ.
މާލީ ވުޒާރާގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޯގަސްޓު 28 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފަށް 1.3 ބިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. ނިމުނު އަހަރުގެ ހަމަ އެ މުއްދަތުގައި އެސްޑީއެފަށް ޖަމާކޮށްފައިވަނީ 916.3 މިލިއަން ރުފިޔާއެވެ. މި އަދަދުތަކަށް ބަލާއިރު، މި އަހަރު އެ ފަންޑަށް ފައިސާ ޖަމާކުރި މިންވަރު 46.7 އިންސައްތައިން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
އެސްޑީއެފްގައި ބޭރު ފައިސާ ރައްކާކޮށްފައި ހުރި މިންވަރު އިތުރުވުމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިން އިތުރަށް ދަށްނުކުރުމަށް ފިޗްއާއި މޫޑީސްއިން ނިންމި އެއް ސަބަބެވެ. އެ ދެ އެޖެންސީންވެސް ފާހަގަކުރާ ގޮތުގައި، މި ފަންޑަށް ފައިސާ ޖަމާކުރާ މިންވަރު އިތުރުވާނަމަ ރާއްޖޭގެ ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުވާނެއެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތު ހަރުދަނާ ކުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.

