ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިމަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒަށްޓަކައި އެއް ގަޑިއިރަށް ރަންވޭ ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވީއައިއޭއިން މިއަދު ހާމަކޮށްފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ރެގިއުލޭޓަރީ ޝަރުތުތަކުގެ ދަށުން ކޮންމެ ތިން އަހަރަކުން އެއްފަހަރު ބާއްވަންޖެހޭ މި އެކްސަސައިޒްގެ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ނިމުމަކާ ކައިރިވެފައެވެ. ވީއައިއޭގެ އެއާޕޯޓް އިމަޖެންސީ ސާވިސަސްގެ ޖެނެރަލް މެނޭޖަރު އާޒިނާ އަބްދުލް މަތީން ވިދާޅުވި ގޮތުގައި މި އެކްސަސައިޒްގެ މައިގަނޑު މަޤްޞަދަކީ އެއާޕޯޓްގެ ކުއްލި ހާލަތްތަކާ ކުރިމަތިލުމުގެ ޤާބިލިއްޔަތުކަން ހުރި މިންވަރު ދެނެގަތުމެވެ.
އާޒިނާ އިތުރަށް ވިދާޅުވި ގޮތުގައި މި އެކްސަސައިޒްގައި 102 މީހުންނަށް އަނިޔާވެ، 185 މީހުންގެ އާއިލާއަށް އަސަރުކުރި ކަމަށް ބަލައިގެން ޑްރިލް ސިމިއުލޭޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އެކްސަސައިޒްގައި ފޭކް މަތިންދާބޯޓެއް ބޭނުންކޮށް، އެއާކްރާފްޓްގައި އަލިފާން ރޯކުރުމުގެ އަމަލީ ތަމްރީނެއް ކުރިއަށް ގެންދާނެއެވެ. މި އެކްސަސައިޒްގައި ވީއައިއޭ އާއެކު 32 މުއައްސަސާއަކުން ބައިވެރިވާނެ ކަމަށް އާޒިނާ ވަނީ ހާމަކުރައްވާފައެވެ.
އެކްސަސައިޒް ކުރިއަށްދާނީ ސެޕްޓެމްބަރު 8 ވަނަ ދުވަހުގެ ހަވީރު 4:00 އިން 5:00 އަށެވެ. މި ގަޑީގައި އެއާޕޯޓްގެ ރަންވޭ ބަންދުކުރެވޭނެއެވެ. ހަވީރު 5:00 ގައި ރަންވޭ އަލުން ހުޅުވާލުމަށްފަހު، އާދައިގެ އޮޕަރޭޝަންތަކާއެކު އިމަޖެންސީ އޮޕަރޭޝަންތައް ވެސް ކުރިއަށްދާނެ ކަމަށް އާޒިނާ ވިދާޅުވިއެވެ.
އެކްސަސައިޒްގެ ހުރިހާ ދާއިރާއެއް އެކްޓިވޭޓްކުރެވި، އެ ދުވަހުގެ ރޭ 21:00 އާ ހަމައަށް ހަރަކާތްތެރިވާނެ ކަމަށް އާޒިނާ ވިދާޅުވިއެވެ. އަދި އެއާކްރާފްޓްގައި އަލިފާން ރޯކުރުމާއެކު، ހަވީރު 4:00 އިން ފެށިގެން ދުމާއި އަލިފާން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފެންނާނެ ކަމަށްވެސް އާޒިނާ ވަނީ ހާމަކުރައްވާފައެވެ.

