ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޚާއްސަ މެޑިކަލް ކޭމްޕެއް މިއަދު ފަށައިފިއެވެ. ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ރަސްމީކޮށް ފައްޓަވައިދެއްވި މި ކޭމްޕަކީ ސިއްޙީ ފަރުވާދޭ އެކި ކްލިނިކްތަކާއި ހޮސްޕިޓަލްތަކާ ގުޅިގެން ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްގެ ފަރާތުން ބާއްވާ ކޭމްޕެކެވެ.
ކޭމްޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްގެ ރައީސް، ޖިހާދު ޢަބްދުﷲ ވިދާޅުވެފައިވަނީ މި ކޭމްޕުން ރާއްޖޭގެ ގިނަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ލިބޭ ޞިއްޙީ ފަރުވާއާއި ޚިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުޞަތު އާންމުންނަށް ލިބިގެންދާނެ ކަމަށެވެ. “މި ކޭމްޕުގައި ބައިވެރިވެފައި މިވަނީ ރާއްޖޭގައި މިހާރު ތިބި އެންމެ މަޤްބޫލު، އެންމެ ގިނަ ރައްޔިތުން ޤަބޫލުކުރާ އަދި އެ ރައްޔިތުން ޚިދުމަތް ހޯދަމުންދާ ކްލިނިކްތަކާއި ހޮސްޕިޓަލްތައް” ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހުޅުމާލޭ ފޭސް 2 ގެ ރުއްގަނޑު 3 ސަރަޙައްދުގައި ބާއްވާ މި ކޭމްޕް ކުރިއަށްދާނީ މިއަދު ހަވީރު 4 އިން ރޭގަނޑު 10:30 އަށެވެ. މި ކޭމްޕަކީ އެކި ސްޕެޝަލިޓީގެ ޑޮކްޓަރުންނާ ބައްދަލުވެ، ސިއްޙަތާ ގުޅޭ ގިނަ މަޢުލޫމާތު ލިބި، ޗެކަޕް ކޮށްލުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި އެ ޖަމްޢިއްޔާއިން ފާހަގަކޮށްފައިވެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އުފައްދާފައިވާ ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސުން ދަނީ އިޖުތިމާޢީ ގުޅުން ބަދަހިކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެކި ކަހަލަ ޕްރޮގްރާމްތައް ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް ހިންގަމުންނެވެ. އަދި ސިއްޙީގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ސިއްޙަތާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.
މިފަދަ ކޭމްޕްތަކަކީ ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ ބާރުއެޅުމުގެ ގޮތުން ސިއްޙަތާ ގުޅޭ މުހިންމު މަޢުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.

