ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވުނު ފުލުސް މީހާ ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމައިފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޖުލައި 19 ވަނަ ދުވަހު ހިންގުނު އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު ފުލުސް މީހާއަކީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ) އެވެ. މި މައްސަލައިގައި އޭނާގެ އިތުރުން ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ) ވެސް ވަނީ ހައްޔަރުކުރެވިފައެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެ ދެމީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް އެ މީހުންގެ އަތުން ފެނިފައިވެއެވެ. އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އައިޝަތު ޝިޔާޒާއަށް ފަސް ދުވަހުގެ މުއްދަތަކަށް އަދި ސައިފުﷲ އަޙްމަދަށް 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ނިންމާފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން މިއަދު ވިދާޅުވެފައިވަނީ، މައްސަލަ ތަޙުޤީޤުކުރުމަށްފަހު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ވަނީ އައިޝަތު ޝިޔާޒާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައި ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތި އާންމުވުން ހިމެނޭއިރު، މިދިޔަ އަހަރު ޑްރަގާ ގުޅުންހުރި 1،673 މައްސަލަ ހުށަހެޅިފައިވާ ކަމާއި، މި އަހަރުގެ މިހާތަނަށް 1،010 މައްސަލަ ރިޕޯޓުކުރެވިފައިވާ ކަމެވެ.

