މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން އެންމެ މަދުން ފަތުރުވެރިން ޗުއްޓީ ހޭދަ ކުރީ ތ. އަތޮޅާއި ހދ. އަތޮޅުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މި މަހުގެ ދެވަނަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.49 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި އަދަދުގެ ތެރެއިން ތ. އަތޮޅަށް 2،578 ފަތުރުވެރިން އަދި ހދ. އަތޮޅަށް 4،071 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ.
އެންމެ ގިނައިން ފަތުރުވެރިން ޗުއްޓީ ހޭދަކުރި އަތޮޅަކީ ކ. އަތޮޅު ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ކ. އަތޮޅަށް ޖުމްލަ 668،668 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ. ކ. އަތޮޅަށްފަހު ފަތުރުވެރިން ދެން އެންމެ ގިނައިން ޗުއްޓީ ހޭދަކުރީ އދ. އަތޮޅުގަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ފަތުރުވެރިން ޗުއްޓީ ހޭދަކުރި އަތޮޅުތައް ދައްކާފައިވާ ގޮތުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
- ތ. އަތޮޅު: 2،578 ފަތުރުވެރިން
- ހދ އަތޮޅު: 4،071 ފަތުރުވެރިން
- ފ. އަތޮޅު: 4،377 ފަތުރުވެރިން
- ލ. އަތޮޅު: 5،048 ފަތުރުވެރިން
- ޏ. އަތޮޅު: 5،229 ފަތުރުވެރިން
- ހއ. އަތޮޅު: 10،691 ފަތުރުވެރިން
- ށ. އަތޮޅު: 12،440 ފަތުރުވެރިން
- ސ. އަތޮޅު: 12،726 ފަތުރުވެރިން
- ގދ. އަތޮޅު: 12،980 ފަތުރުވެރިން
- މ. އަތޮޅު: 16.675 ފަތުރުވެރިން
- ގއ. އަތޮޅު: 20،951 ފަތުރުވެރިން
- ވ. އަތޮޅު: 48،952 ފަތުރުވެރިން
- ޅ. އަތޮޅު: 67،764 ފަތުރުވެރިން
- ނ. އަތޮޅު: 68،876 ފަތުރުވެރިން
- ދ. އަތޮޅު: 74،634 ފަތުރުވެރިން
- ބ. އަތޮޅު: 80،995 ފަތުރުވެރިން
- އއ. އަތޮޅު: 97،343 ފަތުރުވެރިން
- ރ. އަތޮޅު: 115،340 ފަތުރުވެރިން
- އދ. އަތޮޅު: 130،318 ފަތުރުވެރިން
- ކ. އަތޮޅު: 668،668 ފަތުރުވެރިން
މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ވަގުތު ރާއްޖޭގައި 174 ރިސޯޓާއި 906 ގެސްޓްހައުސް އާއި 161 ސަފާރީ އުޅަނދު އަދި 16 ހޮޓާ ދަނީ އޮޕަރޭޓް ކުރަމުންނެވެ. މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިކަމަށް 1،895 އެނދު ނެރެފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
ފަތުރުވެރިންނަށް ޖުމްލަ 1،254 ތަނަކުން 65،143 އެނދުން ހިދުމަތް ލިބެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 43,247 އެނދާއި، ގެސްޓު ހައުސްތަކުގެ 15,494 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3,918 އެނދުގެ އިތުރުން، ހޮޓާތަކުގެ 2,484 އެނދެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި މި އަހަރު ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.

