ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025 ބެޑްމިންޓަން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރި ކޮށްދެއްވައިފި އެވެ. މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން އެތެރޭ ކޯޓުގައި ބޭއްވުނު މި ރަސްމިއްޔާތުގައި މުބާރާތުގެ ހުރިހާ އިވެންޓެއްގެ ފައިނަލް މެޗުތައް ކުޅެ ނިންމާލެވުނެވެ.
ރަސްމިއްޔާތަށް ވަޑައިގެންނެވުމުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވީ މުބާރާތް އިންތިޒާމުކުރި ދަ ބެޑްމިންޓަން ކްލަބްގެ ރައީސް އަދި ކުރީގެ ކުޅިވަރު ވަޒީރު އަޙްމަދު މަޚްލޫފެވެ. ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޕެޝަލް އޮލިމްޕިކްސްގެ ކެޓަގަރީގެ އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓްގެ އިތުރުން ޕެރަލިމްޕިކްސް އަދި 9 އަހަރުން ދަށުގެ އުމުރުފުރާގެ އިވެންޓްތަކުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް މެޑެއްޔާއި ޓްރޮފީ ހަވާލުކުރައްވާފައެވެ.
މި މުބާރާތަކީ ޖޫނިއަރ ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ރާއްޖޭގައި ބޭއްވުނު ފުރަތަމަ ބައިނަލްއަޤްވާމީ މުބާރާތެވެ. މުބާރާތުގައި 8 ޤައުމަކުން 347 އެތުލީޓުން ބައިވެރިވެ، 750 އަށްވުރެ ގިނަ މެޗު ކުޅެފައިވެއެވެ.
މުބާރާތުގައި ޕެރަލިމްޕިކްސް، ސްޕެޝަލް އޮލިމްޕިކްސް އަދި އޯޕަން ކެޓަގަރީގެ އިތުރުން 9، 11، 13، 15، 17 އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓްތައް ކުޅެފައިވެއެވެ. މި މުބާރާތަކީ ޒުވާން ކުޅުންތެރިންގެ ހުނަރު ތަރައްޤީކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް މުހިންމު ދައުރެއް އަދާކުރާނެ މުބާރާތެއް ކަމުގައި ފާހަގަކުރެވެއެވެ.

