ގުދުރަތީ ގޮތުން ލިބެންހުރި ތަކެތިން ތައްޔާރުކުރެވޭ ސައިތަކަކީ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ކުރާ ބާވަތްތަކެކެވެ. މިގޮތުން އަލަނާސި ތޮށި، ފޮނިތޮށި އަދި ސައިމަލުގައި ތައްޔާރުކުރެވޭ ސައިގެ ފައިދާތައް ވަރަށް ގިނައެވެ.
އަލަނާސި ތޮށީގެ ފައިދާތައް
އަލަނާސި ތޮށީގައި އެކުލެވޭ ބްރޮމެލައިން އެންޒައިމްގެ ސަބަބުން ޕްރޮޓީން ހަޖަމުކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ. މީގެ އިތުރުން އަލަނާސި ތޮށީގައި އެކުލެވޭ ވިޓަމިންތަކާއި އެންޓި-އޮކްސިޑެންޓްސްގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުވެއެވެ. އަދި ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުވެ، ހަށިގަނޑުގެ މެޓަބޮލިޒަމް އިތުރުވެއެވެ.
ފޮނިތޮށީގެ ފައިދާތައް
ފޮނިތޮށީގައި އެކުލެވޭ އެންޓި-އޮކްސިޑެންޓްސްގެ ސަބަބުން ބަނޑުގެ ސަރަޙައްދުގައި ޖަމާވެފައިވާ ސަރުބީ ވިރުވައި ބަނޑުގައި ޖަހާފައި ހުންނަ ބޭކާރު މަސްތައް ވިރުވައިލުމަށް އެހީތެރިވެދެއެވެ. އަދި ހަޖަމުކުރުމުގެ ނިޒާމު ރައްކާތެރިކޮށްދީ، ހަށިގަނޑުގެ އިންފްލަމޭޝަން ކުޑަކުރުމަށް އެހީތެރިވެދެއެވެ.
ސައިމާގެ ފައިދާތައް
ސައިމާއަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މިކަމުގެ ސަބަބުން ފޮނިކާތަކެއްޗަށް ދެވިހިފުން ކުޑަވެ، ހަށިގަނޑުގެ ބަރުދަން ބެލެހެއްޓުމަށް އެހީތެރިވެދެއެވެ. އަދި ސައިމަލުގައި އެކުލެވޭ އެންޓި-އިންފްލަމެޓަރީ ބާވަތްތަކުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމުގެ ދުޅަހެޔޮކަން އިތުރުވެއެވެ.
ސައިމަލާއި ފޮނިތޮށީގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ލޭގެ ޕްރެޝަރ އަދި ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ. ޚާއްޞަކޮށް ސައިމާ ސައިން ސިސްޓޮލިކް އަދި ޑައިސްޓޮލިކް ޕްރެޝަރ ދަށްކުރުމަށް އެހީތެރިވެދެއެވެ.
މި ތިން ބާވަތުގައިވެސް އެކުލެވޭ އެންޓި-އިންފްލެމެޓަރީ ޚާއްޞިއްޔަތުތަކުގެ ސަބަބުން ހަށިގަނޑުގެ ހުޅުތަކުގެ ރިހުން ކަނޑުވާލުމަށް އެހީތެރިވެދެއެވެ. ޚާއްޞަކޮށް އަލަނާސި ތޮށީގައި އެކުލެވޭ ބްރޮމެލައިންގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.
އަލަނާސި ތޮށި، ފޮނިތޮށި އަދި ސައިމަލުގައި ސައި ތައްޔާރުކުރާނެ ގޮތް:
މި ސައި ތައްޔާރުކުރުމަށް އަލަނާސި ތޮށި 30 މިނެޓު ވަންދެން ކައްކަންވާނެއެވެ. އޭގެ ފަހުން ސައިމަލުގެ ފިޔަތައް (ހިއްކާފައި) އަދި ފޮނިތޮށިކޮޅުއަޅައި އިތުރު 15-10 މިނެޓު ވަންދެން ކައްކަންވާނެއެވެ. އޭގެ ފަހުން 45-30 މިނެޓު ވަންދެން ބަހައްޓާށެވެ. އަދި ދެން ފުރޭންޏަކުން ފުރާނައި ތަށްޓަކަށް އަޅާށެވެ. ބޭނުންނަމަ މާމުއި ސަމުސަލެއް އެޅުން ރަނގަޅެވެ.
ހަފްތާއަކު 2-1 ފަހަރު މި ސައި ބޭނުންކުރުމުން މީގެ ފައިދާ ފެންނަން ފަށާނެއެވެ. އަދި މިރެސިޕީ އިހްތިޔާރުކޮށް މިބުއިން ތައްޔާރުކުރުމުގެ ފައިދާ އަމިއްލައަށް ތަޖުރިބާކުރެވޭނެއެވެ.
ޞިއްޙީ މައްސަލައެއް ހުރިނަމަ، މި ސައި ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.


