ރާއްޖޭގެ ގައުމީ ތަރައްގީގެ ދުރުރާސްތާ ޕްލޭން “ވިލުންތެރި ރާއްޖެ 2045” އެކުލަވާލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް މިއަދު ކ. ގުރައިދޫން ފަށައިފިއެވެ.
މިއީ މި މަޝްރޫޢުގެ ދަށުން ރަށްރަށަށް ކުރާ ދަތުރުތަކުގެ ފުރަތަމަ ދަތުރެވެ.
މި މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖަރ ހާމިދު ސާދިގު ވިދާޅުވި ގޮތުގައި، “ކުރިމަގު ސައްލާ” ގެ ނަމުގައި ކުރިޔަށްދާ މި މަސައްކަތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކޮށް، ރަށު ކައުންސިލްތަކާއި، ސަރުކާރުގެ އިދާރާތަކާއި، އާންމު ރައްޔިތުންނާ ބައްދަލުކުރެވޭނެއެވެ. “ރަށްރަށުން ލިބޭ މައުލޫމާތުތަކަކީ މި ޕްލޭން އެކުލަވައިލުމުގެ އެންމެ މުހިންމު ބައި” ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
2025 އިން 2045 އަށް އަމަލުކުރާ މި 20 އަހަރުގެ ޕްލޭންގެ މައިގަނޑު މަގްސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބޭނުންކޮށް، ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް، މޫސުމީ ބަދަލުތަކާއި އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެކު ކުރިއަށް ދެވޭނެ ވިލުންތެރި ރާއްޖެއެއް ބިނާކުރުމެވެ.
މި ޕްލޭނަކީ ގާނޫނީ ބާރު ލިބިގެން އެކުލަވާލެވޭ ޕްލޭނެއް ކަމަށްވާއިރު، މިއީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށްވެސް ފާހަގަކުރެވެއެވެ.
މި ޕްލޭން އެކުލަވާލުމުގައި ރާއްޖޭގެ ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުން ހޯދުމަށް ސަރުކާރުން އިސްކަމެއް ދެއްވާކަން ފާހަގަކުރެވެއެވެ. އަދި މި މަސައްކަތުގެ ތެރެއިން ރަށްރަށުގެ އެކި ދާއިރާތަކުގެ މައުލޫމާތު އެއްކޮށް، ގޮންޖެހުންތައް ދެނެގަނެ، ކުރިމަގަށް ރައްޔިތުން ބޭނުންވާ ތަރައްގީގެ ހިޔާލުތައް ހޯދުމަށް ވަނީ ރޭވިފައެވެ.

