މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައަކީ، ފޭސްބުކް މެސެންޖަރ އިން މީހަކާ ވާހަކަދައްކައި އެ މީހާގެ އޮރިޔާން ވީޑީއޯ ހުރި ކަމަށް ބުނެ ބިރުދައްކައިގެން ހުޅުމާލެ ފޭސް 1އަށް ގެންގޮސް، ވަޅިން ބިރުދައްކައި، އެ މީހާގެ އެކައުންޓުން ފައިސާ ނަގައި، އޮރިޔާންކޮށް އަދި ވީޑިއޯކޮށް އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކުރާ ކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައެކެވެ.
މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންނަކީ ހއ. ފިއްލަދޫ، ސީރީންމަންޒިލް، 29 އަހަރުގެ މުޙައްމަދު ޟަމީރު އާއި ލ. ގަން، ތުނޑި. އަރާއިރު، 37 އަހަރުގެ ޢަލީ ހައިސަލްއެވެ.
އެމީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައެވެ.
ހުޅުމާލެ ފޭސް 1ގައި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓަކުން އެ ދެމީހުން ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، 3 މޯބައިލްފޯނު، 3 އަތުކުރީގަޑި، 1 ޑްރޯން، 1 ދޮށި، 2 އަވިއައިނު އަދި ރިހި ފަށަކާއި ރިހި އަނގޮޓިއެއް ފެނިފައިވެއެވެ. މި ތަކެއްޗަކީ އެކި މީހުންގެ އަތުން ފޭރިފައިވާ ތަކެތި ކަމަށް ބެލެވެއެވެ. މީގެ އިތުރުން 6 ވަޅި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ހައިސަލް 4 ދުވަހަށް އަދި މުޙައްމަދު ޟަމީރު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މީހުންނާ ވާހަކަދައްކައި އޮރިޔާން ވީޑިއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން، މުޙައްމަދު ޟަމީރު އާއި، ޢަލީ ހައިސަލް ދިރިއުޅޭ އެޕާޓްމަންޓަށް ގެންގޮސް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، ވީޑިއޯކޮށް އަދި ފައިސާ ހޯދާފައިވާ އިތުރު ދެ މައްސަލަ ވެސް ރިޕޯޓުކޮށްފައިވެއެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުން، އިތުރު މީހުންނަށް ވެސް ބިރުދައްކައިގެން ފޭރިފައިވާ ކަމަށް ބެލެވޭތީ، އެ މީހުންގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ދިމާވެފައިވާ އެއްވެސް މީހަކު ވާނަމަ ރިޕޯޓުކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.

