ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)އަށް 3 މެންބަރަކު ޢައްޔަނު ކުރައްވައިފިއެވެ.
މި މެންބަރުން އައްޔަނުކުރެއްވީ މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ސީއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރައްވާފައިވާ ތިން ބޭފުޅުންނަކީ މ. ފަލްކަންގެ، މުހައްމަދު ނާސިހާއި، ދަފްތަރު. ނަންބަރު 1325، ޑރ. ހުސައިން ފާއިޒް އަދި މ. ވައިޓްބެލް، ޑރ. ދީބާ މޫސާއެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން، 3 ބޭފުޅުން ވަނީ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ.
މި 3 ބޭފުޅުންނަށް ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއެވެ.
މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ސީއެސްސީއަށް އަލަށް ޢައްޔަންކުރެއްވި ތިން މެންބަރުންނާ، އެ މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.

