ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް މެލޭޝިއާގެ ކުއަލަލަންޕޫރު އަދި ތައިލޭންޑުގެ ބެންކޮކަށް ޚާއްޞަ ދަތުރުތަކެއް ބޭއްވުމަށް ނިންމައިފިއެވެ. މި ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހާއި ކުރިއަށް އޮތް ޖަނަވަރީ މަހުގައެވެ.
މި ދަތުރުތަކަށް ޓިކެޓު ވިއްކުން މިހާރު ވަނީ ފަށާފައެވެ. މެލޭޝިއާއަށް ދަތުރުކުރުމަށް ދެކޮޅު ޓިކެޓެއްގެ އަގަކީ 355 ޑޮލަރެވެ. އަދި ބެންކޮކަށް ދަތުރުކުރުމަށް ދެކޮޅު ޓިކެޓެއްގެ އަގަކީ 399 ޑޮލަރެވެ. މެލޭޝިއާއަށް ދަތުރުތައް ކުރިއަށް ގެންދާނީ 21 ޑިސެމްބަރުން ޖަނަވަރީ 11 އަށް، ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުއެވެ. އަދި ބެންކޮކަށް ދަތުރުތައް ކުރިއަށް ގެންދާނީ ޑިސެމްބަރު 23 އިން ޖަނަވަރީ 13 އަށް ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުއެވެ.
މޯލްޑިވިއަންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދަތުރުތަކަށް ޓިކެޓު ބުކްކުރެވޭނީ އެ އެއަރލައިންގެ ވެބްސައިޓު އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމަށް ވަނީ އަންގަވާފައެވެ.
މޯލްޑިވިއަނުން މީގެ ކުރިންވެސް ރާއްޖެއާއި މެލޭޝިއާއާ ދެމެދު ޚާއްޞަ އަދި ސީޒަނަލް ދަތުރުތަކެއް ބާއްވާފައިވެއެވެ. މި ދަތުރުތަކުގެ ސަބަބުން މެލޭޝިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އެއަރލައިނުން ފާހަގަކުރެއެވެ.
މި ދަތުރުތަކަކީ ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް ޢާއިލާތަކަށް ބޭރު ޤައުމުތަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޚާއްޞަކޮށްގެން ރޭވިފައިވާ ދަތުރުތަކެކެވެ.

