ހދ. ނައިވާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން ޕޭމަންޓް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން މިކަން ހާމަކުރުމުގައި ބުނެފައިވަނީ، ޕޭމަންޓް އެޅުމުގެ މަސައްކަތުގެ އިތުރުން އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތްތައް ވެސް މިހާރު ދާކަމަށެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 47.5 މިލިއަން ދިވެހި ރުފިޔާއެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި 41,618.07 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރ ބޭސިން ފުންކުރުމާއި، 15,320 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 15,320 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން 300 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
އެމްޓީސީސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން 73 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 231 ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި 2,087 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
މީގެ އިތުރުން، 10 މީޓަރު ދިގު އަދި ނުވަ މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 95 މީޓަރު ދިގު އަދި ދެ މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި އަދި މޫރިން ބޮއެ ހަރުކުރުމުގެ މަސައްކަތްތައް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.

