ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން 50 އަހަރުގެ ދިވެހި ފިރިހެނަކު ލައިގެން ހުރި ބޮކްސާގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިވާތީ، އެ ފަރާތް 30 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ކަސްޓަމްސްގެ ލިޔުންތަކާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާނުގައިވާ ގޮތުން، އޭނާ ރާއްޖެ އައިއިރު ލައިގެން ހުރި ބޮކްސާގެ ތެރެއިން 250 ގްރާމްގެ މެފެޑްރޯން ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން ބުނެފައިވަނީ މައްސަލައިގައި ހިމެނޭ އަސްލު ފަރާތް ހޯދުމަށް ފުލުހުން މަސައްކަތް ނުކުރާ ކަމަށެވެ. އަދި ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ފަރާތަކީ ކުރިންވެސް ހައްޔަރާއި ބަންދުގެ ލޮގް އޮތް މީހެކެވެ.
މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، އިތުރު ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ބާވަތުގެ މައްސަލަތަކުގައި ޤާނޫނުގައި ކަނޑައެޅިފައިވަނީ ހަރުކަށި އަދަބުތަކެކެވެ.

