"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ތަރައްޤީކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން މަސައްކަތް މުޅީން ނިންމާފައިވާ ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުޞަތު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ ފްލެޓް ލިބޭ ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ހަލުވިކުރުމުގެ ގޮތުންނެވެ.
އެފްޑީސީން މިހާރު އަންނަނީ ފްލެޓް ލިބޭ މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ކުރިއަށް ދާއިރު، ފްލެޓްތައް ހަވާލުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން އެ ކުންފުނިން ދަނީ ނިންމަމުންނެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވީ، ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ފަރާތްތަކުގެ ތެރެއިން، ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމަށް އެކުންފުނިން އެކި ފަރާތްތަކަށް އަންގަމުންދާ ކަމަށެވެ. އެގޮތުން މިހާރު ޑިޕޮސިޓް ދެއްކުމަށްޓަކައި އަންގަމުން ދަނީ ހުރިހާ މަސައްކަތް ނިމިފައިވާ ފްލެޓްތަކުގެ ވެރިފަރާތްތަކަށް ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ. މި ފަރާތްތަކަށް ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް އެފްޑީސީގެ ޕޯޓަލުން މިހާރު ދެއްކޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެފްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި، ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ކަންތައްވެސް، އެއްބަސްވުންތަކުގައި ސޮއިކުރަމުންދާ އުސޫލުން، އާއްމުންނަށް ފަސޭހަވާނޭ ގޮތަށް ބަލައިގެން ކުރިއަށް ގެންދެވޭނެއެވެ.
އެފްޑީސީން އެންމެ ފަހުން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މިހާތަނަށް 3088 ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލަން ތާވަލްކޮށްފައިވާއިރު، 3032 ފަރާތަކާއެކު ވަނީ އެއްބަސްވުން އެކުލަވާލާފައެވެ. އެފްޑީސީގެ އަމާޒަކީ މިމަހުގެ ނިޔަލަށް 4000 ފްލެޓް ލިބޭ އެންމެނާއެކު އެއްބަސްވުންތަކުގައި ސޮއިކޮށް ނިންމުމެވެ.
"ގެދޮރުވެރިޔާ" ސްކީމްގައި އެންމެ ފުރަތަމަ ކުލީގެ ގޮތުގައި ކަނޑައެޅީ 3 ކޮޓަރިއަށް 13,000 ރުފިޔާ އަދި 2 ކޮޓަރިއަށް 9,000 ރުފިޔާއެވެ. ނަމަވެސް މި ސަރުކާރުން ވަނީ ގަވައިދުން ކުލި ދައްކާ ފަރާތްތަކަށް ސަބްސިޑީއެއް ދޭން ނިންމާ، އެ ފަރާތްތަކުގެ ކުލިން 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9,000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 7,000 ރުފިޔާއަށް ކުޑަކޮށްދެއްވުމަށް ނިންމަވާފައެވެ.
އެފްޑީސީން ވިދާޅުވެފައިވަނީ ތަޅުދަނޑި ހަވާލުކުރާނީ، އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެޕާޓްމަންޓްތައް ޔުޓިލިޓީ ޚިދުމަތްތަކަށް ރެޖިސްޓަރވުމާއި ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމަށެވެ. ސަރުކާރުން ކަނޑައަޅާފައިވަނީ 2 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15,000 ރުފިޔާގެ ޑިޕޮސިޓް އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25,000 ރުފިޔާގެ ޑިޕޮސިޓް ދެއްކުމަށެވެ. ފްލެޓްތަކަށް ޑިޕޮސިޓް ފައިސާ ދައްކަންޖެހޭނީ އެއްފަހަރާއެވެ. އެހެންނަމަވެސް ޑިޕޮސިޓް ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.

