މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޕަބްލިކް ރިލޭޝަންސް ސީނިއަރ މެނޭޖަރުގެ މަޤާމަށް މަޝްހޫރު ޓީވީ ޕްރެޒެންޓަރ ޝިފްޒާ މުޞްޠަފާ އައްޔަންކޮށްފިއެވެ.
ޝިފްޒާއަކީ 2007 ވަނަ އަހަރު ވީޓީވީ އިން މީޑިއާގެ ދާއިރާއަށް ނުކުމެވަޑައިގެން، 13 އަހަރު ވަންދެން އެ ޗެނަލްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ވީޓީވީގެ ފުރަތަމަ ޚަބަރު ބުލެޓިން ހުށަހެޅުއްވި ޝިފްޒާ، ނިއުސް ޕްރެޒެންޓަރުކަމުގެ އިތުރުން ނިއުސްރޫމް ހިންގެވުމާއި ޚަބަރު ތައްޔާރުކުރެއްވުމުގައި އިސްދައުރެއް އަދާކުރައްވައި، ހެޑް އޮފް ނިއުސްގެ މަޤާމާ ހަމައަށް ވަޑައިގެންނެވިއެވެ.
ވީޓީވީގައި އެންމެ ދިގު މުއްދަތަކަށް ޚަބަރާއި “ފަސްމަންޒަރު” ޕްރޮގްރާމް ހުށަހަޅުއްވައިދެއްވި ޝިފްޒާ، 2008 އިން ފެށިގެން ރާއްޖޭގައި ބޭއްވުނު ހުރިހާ ޤައުމީ އިންތިޚާބުތަކެއްގެ ލައިވް ކަވަރޭޖް ހުށަހަޅުއްވައިދެއްވިއެވެ. އަދި އަންހެނުންގެ ކުރިއެރުމާއި، މިންތީގެ ހަމަހަމަކަމަށް ހިތްވަރުދޭ ޕްރޮގްރާމްތަކާއި، އިޖްތިމާޢީ މައްސަލަތަކާ ގުޅޭ ގިނަ ރިޕޯޓުތަކެއް ތައްޔާރުކުރައްވައިފައިވެއެވެ.
މީޑިއާގެ ދާއިރާގައި ހިލޭސާބަހަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޝިފްޒާ، މިހާރު މަސައްކަތްކުރައްވަނީ ސަންގު ޓީވީގައެވެ. ނޫސްވެރިކަމުގެ އިނާމާއި ރެހެންދި އެވޯޑު ހާސިލުކުރައްވާފައިވާ ޝިފްޒާ، މޯލްޑިވްސް މީޑިއާ ކައުންސިލާއި ޔޫތު ކައުންސިލުގެ މެންބަރުކަންވެސް ކުރައްވާފައިވެއެވެ.
ސޯޝަލް މީޑިއާގައި ޒިންމާދާރު ގޮތެއްގައި މަޢުލޫމާތު ފެތުރުއްވުމަށް ހިންގަވާ ޝިފްޒާގެ ފޭސްބުކް ޕޭޖަކީ ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވާ ޕޭޖެކެވެ.

