ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އިންޓަރނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2025 މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި އެގްޒިބިޝަން ފަށްޓަވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. އެގްޒިބިޝަން ފަށްޓަވައިދެއްވުމަށްފަހު ވަޒީރު ވަނީ އެގްޒިބިޝަންގައި ހުރި ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފައެވެ.
ދިވެހި އެކްސްޕޯ ސާރވިސަސްއާއި ސީޑީސީ އިވެންޓްސްއިން އިންތިޒާމްކޮށްގެން ބާއްވާ މި އެގްޒިބިޝަން ކުރިއަށްދާނީ މިމަހުގެ 7 އިން 9 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އެގްޒިބިޝަންގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 150 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެއެވެ. މީގެ ތެރޭގައި ޖަރުމަނުވިލާތް، އެމެރިކާ، ޔޫއޭއީ، ޗައިނާ، އިންޑިޔާ، ސްރީލަންކާ، މެލޭޝިޔާ އަދި ސިންގަޕޫރު ފަދަ ޤައުމުތައް ހިމެނެއެވެ.
މި އެގްޒިބިޝަންގައި 7000 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ ބްރޭންޑްތަކުގެ އުފެއްދުންތައް ދައްކާލުމަށް ހަމަޖެހިފައިވާއިރު، 100 އަށްވުރެ ގިނަ އައު ޕްރޮޑަކްޓްތައް ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 20 އަށްވުރެ ގިނަ ޤައުމަކުން ބައިވެރިވާ ގްލޯބަލް ކަލިނަރީ ޗެލެންޖްވެސް މި އެގްޒިބިޝަންގައި ކުރިއަށްދާނެއެވެ.
މިއަހަރުގެ އެގްޒިބިޝަންގައި އައު އިތުރުކުރުމެއްގެ ގޮތުން “ޓީ ސޮމެލިއާސް” ގެ ނަމުގައި ސައިފަތާއި ސަޔާ ގުޅޭ ޚާއްޞަ ކެޓަގަރީއެއް ވަނީ ތަޢާރަފުކޮށްފައެވެ. މި ކެޓަގަރީގައި އެކި ގޮތްގޮތަށް ސައި ތައްޔާރުކުރުމުގެ މާހިރުން ބައިވެރިވެ، އެބޭފުޅުންގެ ހުނަރު ދައްކާލާނެއެވެ.
މި އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ކާބޯތަކެތި އުފެއްދުމާއި، ބަދިގެއާއި ހޮޓަލުގެ ސާމާނާއި، ސްޕާ އެންޑް ވެލްނެސް ޕްރޮޑަކްޓްސް، އަދި ސޭފްޓީ އެންޑް ސެކިއުރިޓީ ސޮލިއުޝަންސް ފަދަ ގިނަ ދާއިރާތަކެއްގެ އުފެއްދުންތައް ބައިވެރިންނަށް ބަލައިލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

