ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)އާ ގުޅިގެން މާދަމާ ހަވީރު ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން ބަންދުކުރަން ނިންމައިފި އެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސަސައިޒްގެ ބޭނުމަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭނާއި، މުއައްސަސާތަކުގެ އެސްއޯޕީތަކާއި، އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ. މި އަހަރުގެ އެފެކްސްގެ ޕާޓްނަރު އެއާލައިނަކީ ގަތަރު އެއާވޭސްއެވެ.
އެފެކްސްއާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެއާޕޯޓުން މަޢުލޫމާތު ދީފައިވެއެވެ. ނަމަވެސް ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން މާދަމާ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބަންދުކުރެވޭނެއެވެ. މި ވަގުތުތަކުގައި ބްރިޖުގެ ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރިއަށް ގެންދާނެއެވެ.
އެފެކްސްއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް، ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރާކަން ކަށަވަރުކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.
ވީއައިއޭގައި އެންމެ ފަހުން އެފެކްސް ބޭއްވީ 2022 ވަނަ އަހަރުއެވެ. މި އަހަރުގެ އެފެކްސްގައި 32 އިދާރާއަކުން ބައިވެރިވާއިރު، ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތަކުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.

