ހދ. ފިނޭ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކީވޯލް ޖެހުމުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެމްޓީސީސީން ބުނީ މި މަސައްކަތުގެ %86 މިހާރު ނިމިފައިވާ ކަމަށެވެ.
ފިނޭއަކީ ހދ. އަތޮޅުގައި އެންމެ ހަލުވިކަމާއެކު ތަރައްޤީވަމުން އަންނަ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެރަށުގެ ރައްޔިތުންނަށާއި، އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ލަފާފުރުމުގެ ދަތިކަމެވެ. ރަށުގެ މިހާރުގެ ބަނދަރު ކުޑަވުމުގެ ސަބަބުން ދިމާވާ މި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ޙަވާލުކުރީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
މި މަޝްރޫޢުގެ ދަށުން ފިނޭގައި 248 މީޓަރުގެ ބަނދަރެއް ތަރައްޤީކުރާނެއެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި ކީވޯލް ޖެހުމުގެ މަސައްކަތުގެ %86 ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި 219 މީޓަރުގެ ބޭރު ތޮށި ލުމާއި، ރިވެޓްމަންޓް ޖެހުމާއި، ހާބަރ ޕޭވްމަންޓް ހެދުން ހިމެނެއެވެ. މީގެއިތުރުން، ބަނދަރުގެ ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތުގެ އިތުރުން ހައި ސްޕީޑް ފެރީ ނެޓްވޯރކަށް ބޭނުންވާ އެކްސަސް ޕްލެޓްފޯރމެއްވެސް ބަނދަރުގައި ހެދުމަށް ވަނީ ހަމަޖެހިފައެވެ.
ފިނޭ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެއްކޮށް ނިމުމާއެކު، އެރަށުގެ ރައްޔިތުންނަށާއި އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 47 މިލިއަން ރުފިޔާއަށެވެ.

