މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ސީއީއޯގެ މަޤާމުގައި ހުންނެވި އާމިނަތު ސޫޒަން އެ މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.
އާމިނަތު ސޫޒަން މަޤާމުން އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން ވިދާޅުވެފައިވަނީ، "އަމިއްލަ މަސައްކަތަށް ވަގުތު ހުސްކުރުމަށާއި މިވަގުތު ބްރޭކެއް ބޭނުންވާތީ" ކަމަށެވެ. އަދި މަޓާޓޯގެ ސީއީއޯގެ މަޤާމުގައި ޚިދުމަތްކުރުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި ޝުކުރުވެރިވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މަޓާޓޯއިން ބުނެފައިވާ ގޮތުގައި، މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ސޫޒަން ވަނީ އެ މަޤާމުގައި ހުންނަވައި ތާރީޚީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި އޭނާގެ ޚިދުމަތުގެ އަގު ވަޒަންކޮށް، މަޓާޓޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
އާމިނަތު ސޫޒަންގެ އިސްތިއުފާއާ ގުޅިގެން، އަލަށް ސީއީއޯއެއް ޢައްޔަންކުރުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު މަޓާޓޯއިން އަދި ހާމަކޮށްފައެއް ނުވެއެވެ.


