މަޓާޓޯގެ ސީއީއޯގެ މަގާމުން އާމިނަތު ސޫޒަން ވަކިވެވަޑައިގަތުމާ ގުޅިގެން، އޭނާގެ ލީޑަރޝިޕްގެ ދަށުން ކުންފުންޏަށް ލިބިފައިވާ ކާމިޔާބީތަކާއި ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް މަޓާޓޯއިން ޝުކުރު އަދާކޮށްފިއެވެ.
މަޓާޓޯއިން ފާހަގަކުރި ގޮތުގައި ސޫޒަންގެ އިސްނެންގެވުމުގެ ދަށުން “ޑައިނަމިކް ވެލްކަމް އިންޑިއާ ރޯޑްޝޯވ” އާއި، މޯލްޑިވްސް ޓްރެވަލް ކޮންފަރެންސްގެ ފުރަތަމަ ވިމެންސް އެޑިޝަން އަދި މަޓާޓޯގެ އައު ލޯގޯ ތަޢާރަފުކުރުމުގެ އިތުރުން މަޓާޓޯ ޓޯކްސްގައި ވެސް އޭނާގެ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.
މީގެއިތުރުން، ގަދަ ޝެފް މުބާރާތާއި، ރަމަޟާން ކުއިޒް އަދި އައު ވެބްސައިޓް އިފްތިތާހުކުރުމާ ހަމައަށް، ޕާޓާ ސްޕެޝަލް އެވޯޑް މެދުވެރިކޮށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަތުން ހާސިލުކުރެވިފައިވަނީ ސޫޒަންގެ ހަރުދަނާ ވިސްނުމާއި އެކުގައި ކަމަށް މަޓާޓޯއިން ވަނީ ފާހަގަކޮށްފައެވެ.
“ސޫޒަންއަކީ އެކުވެރިކަމާއި އުފެއްދުންތެރިކަމުގައި ދެމެހެއްޓެނިވި ލާމަސީލު ނަމޫނާއެއް. އޭނާގެ ބުރަ މަސައްކަތުން މަޓާޓޯގެ ދަރަޖަ އިތުރަށް ހަރުދަނާވެ، މުސްތަގުބަލަށް ވެސް ވަރުގަދަ ބިންގަލެއް ގާއިމުކުރެވިފައިވޭ،” މަޓާޓޯއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ސީއީއޯގެ މަގާމަށް އައްޔަންކުރެވުނު ސޫޒަންގެ ކުރު މުއްދަތުގެ ޚިދުމަތުގައި، މަޓާޓޯގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.

