ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިހާރު ކުރިއަށްދާ އެއާޕޯޓް ފުލް-ސްކޭލް އިމަޖެންސީ އެކްސަސައިޒް (އެފެކްސް) ގައި އެމްއެންޑީއެފްގެ ވެހިކަލްތައް ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކުރައްވައިފިއެވެ.
މި އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން މިރޭ 9:00 އާ ހަމައަށް ބަންދުކުރެވިފައިވާ ކަމަށް އިދާރާތަކުން މަޢުލޫމާތު ދެއެވެ. މިއީ އެކްސަސައިޒްގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އެޅިފައިވާ ފިޔަވަޅެކެވެ.
އެފެކްސްއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ އެއާޕޯޓުގައި ދިމާވެދާނެ ކުއްލި ހާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒުކުރެވޭކަން ކަށަވަރުކުރުމެވެ.
މި އަހަރުގެ އެފެކްސްގައި 32 އިދާރާއަކުން ބައިވެރިވާއިރު، ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތުން ބައިވެރިވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރައްވާފައިވެއެވެ. އެންމެ ފަހުން މިފަދا އެކްސަސައިޒެއް ބޭއްވިފައިވަނީ 2022 ވަނަ އަހަރުއެވެ.
މި އެކްސަސައިޒްގެ ސަބަބުން އެއާޕޯޓުގެ މުވައްޒަފުންނާއި، ސަލާމަތީ ޚިދުމަތްތަކުގެ އިތުރުން ކަމާގުޅޭ އެހެނިހެން އިދާރާތަކުގެ މެދުގައި ވިލަރެސްކުރުން ހަރުދަނާވެ، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަޖުރިބާ ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

