އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 60 ވަނަ ސެޝަން ސްވިޓްޒަލޭންޑްގެ ޖެނީވާގައި ފަށާފައިވާއިރު، މި ބައްދަލްވުމުގައި ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ. މި ސެޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން އދ.ގެ ހައިކޮމިޝަނަރ ފޯރަ ހިއުމަން ރައިޓްސް، ވޮލްކަރ ޓާރކް، ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާއި ކުރިއެރުވުމުގެ މިހާރުގެ ޙާލަތާ ގުޅޭ ގޮތުން ރިޕޯޓެއް ހުށަހެޅުއްވިއެވެ.
ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އިސްކަންދޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ތަފާތު އެޖެންޑާ އައިޓެމްތަކުގެ ދަށުން ރާއްޖޭގެ ވަފުދުން ގައުމީ ބަޔާން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޖެނީވާގައި ހަރަކާތްތެރިވާ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ފަރާތުން ދިވެހިރާއްޖެއިން ޓެކްނިކަލް އެސިސްޓެންސް އަދި ކެޕޭސިޓީ ބިލްޑިންގ އާގުޅޭގޮތުން ސްޓޭޓްމަންޓެއް ދިނުމަށް ހަމަޖެހިފައިވެއެވެ. ތަރައްޤީ ވަމުންއަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޓެކްނިކަލް އެސިސްޓެންސް އަދި ކެޕޭސިޓީ ބިލްޑިންގގެ މުހިންމުކަމާ ގުޅޭގޮތުން މި ސްޓޭޓްމަންޓުގައި އަލިއަޅުވާލާނެއެވެ. އަދި މީގެ އިތުރުން ދެ ކޯ ގުރޫޕެއްގެ ބައިވެރިއެއްގެ ހައިސިއްޔަތުން މި ސެޝަންއަށް ދެ ޤަރާރެއް ހުށަހެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އަދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ފަދަ ސިޔާސީ އަދި ސަރަހައްދީ ޖަމިއްޔާތަކުގެ މެންބަރެއްގެ ހައިސިއްޔަތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތަކަށް އަރައިގަންނަމުންދާ މައްސަލަތައް އިތުރުވަމުންދާތީ ރާއްޖެއިން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެއެވެ. މިގޮތުން، މިޔަންމާގެ ސްޕެޝަލް ރެޕަޓުއަރއާއެކު ބާއްވާ އިންޓަރެކްޓިވް ޑައިލޮގްގައި ރާއްޖެއިން ޤައުމީ ބަޔާނެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި އިޒްރާއިލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަނެ ހިންގަމުންދާ ލާއިންސާނީ ހަނގުރާމައިގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް، ވަކީން ޚާއްސަކޮށް ޣާޒާގެ ރައްޔިތުން، ތަހައްމަލްކުރަމުންދާ އަނިޔާތަކާބެހޭގޮތުން އަލިއަޅުވާލައި ތަފާތު އެޖެންޑާ އައިޓެމްތަކުގައި ދިވެހިރާއްޖެއިން ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 60 ވަނަ ސެޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުއެވެ. ވަފުދުގައި ދެން ހިމެނިވަޑައިގަންނަވާނީ ކައުންސެލަރ އާދަމް ޙާމިދު އާއި ކައުންސެލަރ އާމިނަތު ޝިފާޔާ އިބްރާހީމް އާއި ސެކަންޑް ސެކްރެޓަރީ އައިޝަތު ރަޔާހީން އާއި ތާރްޑް ސެކްރެޓަރީ ފައިހާ އަހުމަދު ފިރާގް އަދި އެޓާޝޭ މުޙައްމަދު ރާއިދު ސައީދުއެވެ. އަދި މީގެ އިތުރުން އޭޝިއާ ޕެސިފިކް ސަރަހައްދުން ހިއުމަން ރައިޓްސް ކައުންސިލްގެ މި ދައުރުގެ ނައިބް ރައީސްގެ މަޤާމަށް ދިވެހިރާއްޖެ ހޮވިފައިވާތީ، ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބް ރައީސްގެ ހައިސިއްޔަތުން، ދާއިމީ މަންދޫބް ޑރ. ސަލްމާ ރަޝީދު ކައުންސިލްގެ ބައެއް ސެޝަންތަކުގެ ރިޔާސަތު ބަލަހައްޓަވާނެއެވެ.
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތައް ކުރިއެރުވުމާއި، ހިމާޔަތްކުރުމަށާއި ހަރުދަނާކުރުމަށާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ހާލަތްތައް ދެނެގަނެ، އެކަންކަން ހައްލުކުރާނެ ގޮތްތައް ހުށަހެޅުމުގެ ޒިންމާ އަދާކުރާ އދ.ގެ ނިޒާމުގެ ތެރެއިން ބައެކެވެ. މި މަޖިލީހުގައި ހިމެނެނީ 47 މެންބަރުންނެވެ. ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ މެންބަރެކެވެ. އަދި މެންބަރުކަމުގެ ދައުރު ހަމަވާނީ މިއަހަރެވެ.

