ގެވެށި އަނިޔާގެ ތުހުމަތުގައި މެލޭޝިއާއިން ހައްޔަރުކުރި ދިވެހި ރައްޔިތެއް ކަމަށްވާ އަބްދުﷲ ބާތިން މުހައްމަދު ދޫކޮށްލަން އެގައުމުގެ އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ. ބާތިން ދޫކޮށްލާފައިވަނީ އޭނާއާ ދެކޮޅަށް އެކަށީގެންވާ މިންވަރަށް ހެކި ނެތުމުގެ ސަބަބުންނެވެ. އޭނާ ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ބާތިންއާ ދެކޮޅަށް ގެވެށި އަނިޔާގެ ދެ މައްސަލައަކާއި، ޖިންސީ ގޯނާގެ މައްސަލައެއް ތަހުގީގުކުރިއެވެ. މެލޭޝިއާ ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގައި، ބާތިންގެ ފޯން ނަންބަރާއި އެހެނިހެން މައުލޫމާތު ހިއްސާކޮށްގެން، އޭނާ އަތުލައިގަތީ ފޯނު ނަންބަރު ޓްރޭސްކޮށްގެން މެލޭޝިއާގެ މަގުމަތިންނެވެ.
އޭނާ ހައްޔަރުކުރި އިރު ސައިކަލެއްގައި ދަތުރުކުރަމުން ދިޔަ ކަމަށް ވެއެވެ. އޭނާ ހައްޔަރުކުރި އިރު، ބާތިންގެ ގައިން ނުވަތަ އަތުން ގާނޫނާ ހިލާފު އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ވަނީ އެނގިފަ އެވެ. މީގެ އިތުރުން، ބާތިން ހައްޔަރުކުރުމަށްފަހު މަސްތުވާތަކެއްޗަށް ޓެސްޓް ކުރުމުން ވަނީ ނައްސިވެފަ އެވެ.
ބާތިން އޭނާގެ އަންހެނުންނަށް ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭއިރު، އިތުރު ދެ މީހަކަށް ބާތިން އިންޒާރު ދިން ކަމަށް ވެސް ތުހުމަތުކުރެވިފައިވެ އެވެ. އެނގިފައިވާ ގޮތުގައި، ބާތިންގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުނު މައްސަލަ، ގެވެށި އަނިޔާގެ މައްސަލައިގެ އިތުރުން ޖިންސީ ގޯނާ ކުރުމާއި، ބްލެކްމެއިލް ކުރުމާއި ބިރު ދެއްކުމުގެ ތުހުމަތުތަކެއް ވެސް ވަނީ ކޮށްފަ އެވެ.
ނަމަވެސް، މި ހުރިހާ ތުހުމަތުތަކަކަށް ފަހު ވެސް، މެލޭޝިއާގެ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ބާތިން ދޫކޮށްލަން ނިންމައިފަ އެވެ.

