ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްރަށުގެ މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް ފެނަކަ އަދި ސްޓެލްކޯއިން ބިލްކުރާނީ ޑޮމެސްޓިކް ރޭޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިކަން ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެންނެވެ. މިއީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްޤީ ކުރުމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައި ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ. މި ބަދަލާ ގުޅިގެން ކައުންސިލްތަކަށް މުނިސިޕަލް އެހެން ޚިދުމަތްތަކަށް ޚަރަދުކުރުމަށް ލިބޭ ފައިސާގެ އަދަދު އިތުރުވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިހާތަނަށް ސިޓީތަކާއި ރަށްރަށުގެ މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކަރަންޓު ބިލް ދައްކަމުން އައީ ވިޔަފާރި ރޭޓުންނެވެ. ނަމަވެސް މި ބަދަލާއެކު ކައުންސިލްތަކަށް ލުއިފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.
މީގެއިތުރުން، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ރައީސް ވަނީ އިތުރު ނިންމެވުންތަކެއްވެސް ނިންމަވާފައެވެ. އެގޮތުން، ކައުންސިލްތަކަށް ދެވޭ ބްލޮކް ގްރާންޓްގެ ފިސްކަލް ފޯމިއުލާއަށް ބަދަލުގެނައުމަށް ވަނީ ނިންމަވާފައެވެ. މި ބަދަލު ގެންނަނީ އާބާދީ ކުޑަ ރަށްތަކަށް މިހާރު ލިބޭ މިންވަރު މަދުކަން ފާހަގަކުރެވިފައިވާތީއެވެ.
އާ ފޯމިއުލާގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭނެއެވެ. އަދި މި ބަދަލާއެކު އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުމަށް ރައީސް ވަނީ ނިންމަވާފައެވެ. މި ބަދަލުތަކަކީ ރަށު ކައުންސިލްތަކުގެ މާލީ ޤާބިލްކަން އިތުރުކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

