ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ، ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް އައްޔަންކުރައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ހާމަކުރެއްވި ގޮތުގައި އޭނާ އައްޔަންކުރައްވާފައިވަނީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.
ފަހުމީގެ މި އައްޔަންކުރެއްވުން އައިސްފައިވަނީ އިއްޔެ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އޭނާ ވަކިކުރެއްވުމާ ގުޅިގެންނެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އޭނާގެ ބަދަލުގައި އައްޔަންކުރައްވާފައިވަނީ އަހުމަދު ޝަމާހުއެވެ.
ސްޓެލްކޯއިން ވަކިވެވަޑައިގަތުމާ ގުޅިގެން ފަހުމީ ވިދާޅުވެފައިވަނީ 27 އަހަރު ވަންދެން ސްޓެލްކޯގައި އިސްކޮށް އުޅުމުގެ ޝަރަފު ދެއްވިކަމަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާއަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. “ސްޓެލްކޯއަށް ކާމިޔާބީއަށް މަގުފަހިކޮށްދެއްވި އެގްޒެކެޓިވްސް އަދި މުވައްޒަފުންގެ އަގު ވަޒަންކުރަން. އަޅުގަނޑުމެން އެންމެން ގުޅިގެން ހޯދާފައިވާ ކާމިޔާބީތަކާމެދު، އަޅުގަނޑު ވަރަށް ބޮޑަށް ފަހުރުވެރިވަން،” ފަހުމީ ވިދާޅުވިއެވެ.
ހުސެއިން ފަހުމީއަކީ 1988 ވަނަ އަހަރު ޓްރެއިނީއެއްގެ ގޮތުގައި ސްޓެލްކޯއާ ގުޅިވަޑައިގެން، ޖެނެރަލް މެނޭޖަރުކަމުގެ މަގާމު ފުރުއްވުމަށްފަހު މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ކުރިއަރައި ވަޑައިގެންނެވި ބޭފުޅެކެވެ. ފަހުމީ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި އެކައުންޓިންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައެވެ.
ފަހުމީ ވަނީ ކުރިއަށް އޮތްތަނުގައި ވެސް ސްޓެލްކޯއަށް ކާމިޔާބީއާއި ކުރިއެރުން އެދިވަޑައިގެންފައިވާއިރު، އޭނާގެ އައު މަގާމުގައި ރައީސް އޮފީހުގެ ޕޮލިސީ އަދި މެނިފެސްޓޯއާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދަވާނެއެވެ.

