ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް)ގެ އައު އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. އެކުންފުނީގެ ތާރީޚުގައި މުހިންމު މަރުހަލާއެއް ފަށައިގަތުމުގެ ގޮތުން ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ.
އައިލެންޑް އޭވިއޭޝަންގެ އައު އޮފީސް އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެކުންފުނީގެ ބޯޑު މެމްބަރުންނާއި، މުވައްޒަފުން ގިނަ ޢަދަދަކަށް ބައިވެރިވެވަޑައިގަތެވެ. ވަޒީރު މުޙައްމަދު އަމީނުގެ އިތުރުން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިލްޔާސްއާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް އަދި ކުންފުނީގެ ބޯޑު މެމްބަރުންވެސް ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ، މިއީ އެކުންފުނީގެ ތާރީޚުގައި ވަރަށް ޚާއްސަ ދުވަހެއް ކަމަށާއި، މި މިއީ 25 އަހަރުގެ ދިގު އިންތިޒާރަކަށް ނިމުންއައި ދުވަހެއް ކަމަށެވެ. މިވަގުތު އެކުންފުނީގެ އެކި ޑިޕާޓްމެންޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މާލޭގެ 5 އިމާރާތެއްގައި މަސައްކަތްކުރާތީ، އެކަމަށް ކުންފުނިން ވަރަށް ބޮޑު ޚަރަދެއް ކުލީގެ ގޮތުގައި ދައްކަންޖެހޭކަމަށް އެކުންފުނިން ފާހަގަކުރެއްވިއެވެ. އެހެންކަމުން އައު އޮފީސް އިމާރާތާއެކު މާލޭގައި ހިންގާ ޑިޕާޓްމަންޓުތަކާއި، އެއަރޕޯޓުގައި ޤާއިމްކުރެވިފައިވާ ބައެއް ޑިޕާޓްމެންޓުތައްވެސް އެއް ފުރާޅެއްގެ ދަށަށް ގެނެވި، މާލީ ގޮތުން ކުންފުންޏަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.. އަދި ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުވެސް އިތުރަށް ރަނގަޅު ކުރެވިގެންދާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އައިލެންޑް އޭވިއޭޝަނުން ފާހަގަކުކުރިއެވެ.
އައިލެންޑް އޭވިއޭޝަންގެ އައު އޮފީސް އިމާރާތް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ހުނާން ނަންބަރ 6 އިންޖިނިއަރިންގ ކުންފުންޏާއެވެ. އެކުންފުންޏާއެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ބިނާކުރެވޭ މި އިމާރާތުގެ ބިމުގެ ބޮޑުމިނަކީ 4745 އަކަފޫޓެވެ. މި އިމާރާތުގައި ބޭސްމެންޓް ހިމެނޭހެން ޖުމްލަ 12 ފަންގިފިލާއެއް ހުންނާނެއެވެ. އިމާރާތުގެ ބޭސްމެންޓް ޚާއްސަކުރެވިފައިވަނީ މުވައްޒަފުންގެ ޕާކިންގއަށް ކަމަށާއި، ފުރަތަމަ ފަންގިފިލާގައި ޓިކެޓް އޮފީހެއް ޤާއިމްކުރެވިގެންދާނެކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދީފައިވެއެވެ.
ޒަމާނީ ފެންވަރުގެ ވަސީލަތްތައް ޤާއިމްކުރެވި ޖާގައިގެ ގޮތުން ތަނަވަސް އިމާރާތަކަށް މި އިމާރާތް ވެގެންދާނެކަމަށާއި، އަމާޒަކީ މިއަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

