ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ޚިދުމަތްކުރަނީ ސަލާމަތާއި ތަރުބިއްޔަތާއި އަދި އިންސާފްގެ ބެލެނިވެރިންގެ ގޮތުގައި ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން ކުރިއަށްގެންދިޔަ ‘ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ، ޕްރޮގްރަމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ސީޕީ ޒަރީރް ވިދާޅުވީ މިއީ ތަމްރީނެއްގެ ނިމުން ނޫން ކަމަށާއި ފެށުނީ މަތިވެރި ޖިހާދެއް އަދި ޤައުމީ ވާޖިބެއްގެ ފެށުން ކަމަށެވެ.
ކޮމިޝަނަރ ވިދާޅުވީ ކަރެކްޝަނަލް އޮފިސަރުން ޚިދުމަތްކުރަނީ ސަލާމަތާއި ތަރުބިއްޔަތާއި އިންސާފްގެ ބެލެނިވެރިންގެ ގޮތުގައި ކަމަށާއި އޮފިސަރުންނަށް މައިގަނޑު ގޮތެއްގައި ޙަވާލުކޮށްފައިވާ މަސްޢޫލިއްޔަތުތަކަކީ ކަރެކްޝަންސްގެ އޮފިސްތަކާއި ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ބެލެހެއްޓުމާއި ޖަލުތަކުގައި ޤައިދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމަތާއި ލިބިގެންވާ އެންމެހާ ޙައްގުތައް ޤާއިމުކޮށް ބެލެހެއްޓުން ކަމުގައެވެ.
ވަޒީފާގައި ދެމިތިބޭހާ ހިނދަކު ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ މުޙިއްމުކަމަށް ޢަލިއަޅުއްވާލައްވަމުން، ކޮމިޝަނަރ އިލްތިމާސްކުރެއްވީ ފައިސާގެ ދަހިވެތިކަމުގައި ޔުނީފޯރމް ވިއްކާނުލުމަށާއި ވަޒީފާގައި އުޅޭއިރު އިސްލާމް ދީނާއި ޤައުމިއްޔަތަށް ލޯބިކުރާ ބަޔަކަށް ވުމަށެވެ.
އަދި ކޯހުގައި އުގަންނާ ދެއްވި އެއްޗެހީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި، ޤައިދީން ރިހެބިލިޓޭޓްކުރުމަށް މަސައްކަތްކުރުމަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ.

