އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަލަސްތީނުގެ ޣައްޒާ ސިޓީގައި ތިބި އެ ގައުމުގެ ރައްޔިތުންނަށް “މިހާރުން މިހާރަށް ފުރައިގެން ދިއުމަށް” އިންޒާރު ދީފިއެވެ.
މިއާއެކު، އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ އިސްވެރިޔާ ވަނީ އިސްރާއީލުން “ގިނަ އަދަދެއްގެ އާންމު ރައްޔިތުން ޝަހީދުކޮށްލުމާއި” އަދި ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އެހީ ގަސްދުގައި ހުރަސްއެޅުމާ ގުޅޭގޮތުން އިސްރާއީލް ކުށްވެރިކޮށްފައެވެ.
އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ހައި ކޮމިޝަނަރު ވޯލްކަރ ޓަރކް ވަނީ ހޯމަ ދުވަހު އިސްރާއީލުން “ހަނގުރާމައިގެ ކުށްތަކުގެ މައްޗަށް އިތުރު ހަނގުރާމައިގެ ކުށްތައް” ހިންގަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ޣައްޒާގައި ކުރިމަތިވެފައިވާ ހަލާކުގެ މިންވަރަކީ “ދުނިޔޭގެ ހިތްތަކަށް ސިހުން އަރުވާފައިވާ” މިންވަރެއް ކަމުގައި އޭނާ ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނެފައިވަނީ، އިސްރާއީލުގެ މައްޗަށް “ބައިނަލްއަޤްވާމީ ޢަދުލު އިންސާފުގެ ކޯޓުގައި (އައި.ސީ.ޖޭ) ޖަވާބުދާރީވާންޖެހޭ މައްސަލައެއް އެބައޮތް” ކަމަށެވެ. މިގޮތުން އޭނާ އިޝާރާތްކޮށްފައިވަނީ ޖަނަވަރީ މަހު އެ ކޯޓުން ނެރުނު ޙުކުމަށެވެ. އެ ޙުކުމުގައި ޓެލް އަވީވްއަށް ލާޒިމްކޮށްފައިވަނީ ނަސްލު ހަލާކުކުރުމުގެ ޢަމަލުތައް ހުއްޓުވުމަށެވެ.
“ޣައްޒާގައި ހިނގަމުންދާ މަރުގެ މަންޒަރު” ނިމުމަކަށް ގެނައުމަށް ޓާރކް ގޮވާލާފައިވަނީ، އިސްރާއީލީ ބާރުތަކުން ޣައްޒާގެ އެންމެ ބޮޑު އާބާދީ އޮތް ސަރަޙައްދު ކަމުގައިވާ ޣައްޒާ ސިޓީ ހަލާކުކުރާ ވަގުތެއްގައެވެ. އެއީ އެ ސިޓީއަށް އެއްގަމުން އަރައިގަތުމުގެ ޕްލޭނުގެ ކުރިންނެވެ.
ފަލަސްޠީނު މަދަނީ ދިފާޢީ ބާރުތަކުން ބުނެފައިވާ ގޮތުގައި އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން އިސްރާއީލީ ޙަމަލާތަކުން ޣައްޒާގެ 50 އަށްވުރެ ގިނަ އިމާރާތް ވަނީ ފަސްއަޑިއާ ހަމައަށް ވައްޓާލާފައެވެ. އަދި އިތުރު 100 އިމާރާތަށް ވަނީ އެކި މިންވަރަށް ގެއްލުން ލިބިފައެވެ.
ޚަބަރު ފަތުރާ ފަރާތް ކަމުގައިވާ މަޙްމޫދު ބަސަލް ބުނެފައިވަނީ އިސްރާއީލުން ގަސްދުގައި އަމާޒު ކޮށްފައިވަނީ ގެދޮރު ގެއްލިފައިވާ މީހުން ތިބޭ ކޭމްޕްތަކާ އިންވެގެންވާ ރިހަބިލިޓޭޝަން ބްލޮކްތަކަށް ކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 200 އަށްވުރެ ގިނަ ޓެންޓު ހަލާކުކޮށްލާފައިވާ ކަމަށެވެ.
އޭނާ ބުނެފައިވާ ގޮތުގައި އިސްރާއީލީ ބޮންތަކުން ޣައްޒާ ސިޓީގެ ތުއްފާޙް ސަރަޙައްދުގެ އަޒް-ޒަރްޤާ ހިސާބުގައި ހުރި އިމާރާތްތައް ބިމާހަމަކޮށްލުމާ ގުޅިގެން، އެ ސަރަޙައްދުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. މިސްކިތްތަކާއި ކުޅިވަރު ކުޅޭ މައިދާންތަކަށްވެސް ޙަމަލާދީފައިވާ ކަމަށް އޭނާ އިތުރުކޮށްފައިވެއެވެ.
ޣައްޒާ ސިޓީން ރިޕޯޓުކުރަމުންދާ އަލްޖަޒީރާގެ ހާނީ މަޙްމޫދު ބުނެފައިވަނީ “އިސްރާއީލީ ސިފައިންގެ ނިޒާމީ ޓެކްޓިކްސްގެ ސަބަބުން ޣައްޒާ ސިޓީގެ އުސް އިމާރާތްތައް އެއްފަހަރާ އަނެއްފަހަރަށް ވެއްޓެމުންދާތަން ބަލަން ހުރުމަކީ ހިތާމަވެރި ކަމެއް” ކަމަށެވެ.

