ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެންވިދާޅުވީ، ދައުލަތުގެ މީޑިއާއިން ރޭ ގެނެސްދެއްވި ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
”ސަރުކާރުގައި އަޅުގަނޑުމެންގެ އެބައޮތް ސިޔާސަތެއް. އެއީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަކީ މުހިންމު ކަމެއް ކަމުގައި ޤަބޫލުކޮށްގެން، އެގޮތުން ކަންތައްތައް ކުރިއަށް ގެންދިއުން” މިނިސްޓަރ ވިދާޅުވިއެވެ.
ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް މި ސަރުކާރުން ކުރިއަށް ގެންދަވައި ބައެއް މުހިންމު ކަންކަމުގެ މައްޗަށް އެ ޕްރޮގްރާމުގައި މިނިސްޓަރ ބައްލަވައިލައްވާފައި ވެއެވެ. މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ތައާރަފުކުރުމަށް ފަހު މި ވޭތުވެ ދިޔަ 15 ވަރަކަށް އަހަރުތެރޭ ފަޅުރަށްތައް ކައުންސިލްތަކަށް، ދެއްވި ރައީސަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫނީ ނެތް ކަމަށެވެ. އަދި ރައްޔިތުންނަށް މަންފާވާ ގޮތަށް ރަށްތައް ލިބިގެން ދިޔުމަކީ މާލީ އެތައް މަންފާއެއް ކައުންސިލުތަކަށް ކުރާނެ ކަމެއް ކަމަށެވެ.
އެ ޕްރޮގްރާމުގައި މިނިސްޓަރ ރޭ ދެއްކެވި ވާހަކަފުޅުގައި މިއަދު ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެވޭ ހުރިހާ ބަދަލުތަކާއެކީގައި މީގެ ކުރިން ދުވަހަކުވެސް ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ޓަކައި ނުކުރެވޭހާ ގިނަ މަސައްކަތް މިއަދު ކުރެވެމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

