ދިވެހިރާއްޖޭގެ ކުރިއެރުމާއި، މުޥާޞަލާތާއި، އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރީޢާއިން ވަނީ ފޯރުކޮށްދީފަައި ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ 119 ވަނަ އަހަރީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ މިދިޔަ 119 އަހަރުގެ ތެރޭގައި ޕޯސްޓުގެ ޚިދުމަތް ރާއްޖޭގައި ދެއްވުމަށް އިސްވެ ތިއްބެވި ވެރިންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވާކަމަށް ވިދާޅުވެފައެވެ. އަދި އެގޮތުން ޕޯސްޓްގެ ޚިދުމަތުގެ ދިގު ތާރީޚުގައި ޚިދުމަތްކުރެއްވި ބޭފުޅުންނަށް ޝުކުރާއި ހެޔޮއެދުން ވަނީ ރައީސް ދަންނަވާފައެވެ.
އެންމެ ފުރަތަމަ ރާއްޖޭގައި ޕޯސްޓް އޮފީހެއް ހުޅުވުނީ 1906 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
ޕޯސްޓް އޮފީހެއް ހުޅުވަން މެދުވެރިވި މައިގަނޑު ސަބަބަކީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު މުވާސަލާތު ކުރެވޭނެ ނިޒާމެއް އޮތުން މުހިންމުކަމަށް އޭރު އޮތް ދިވެހި ސަރުކާރަށް ވިސްނުމެވެ.

