މިދިޔަ ހަފްތާގައި މަސްވެރިން "މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ" މިފްކޯއަށް 218 ދޯންޏަކުން މަސްކިރުވައި، ކިރުވި މަހަށް 9.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް އެ ކުންފުނީގެ ތަަފާސްހިސާބުން ދައްކައިފިއެވެ.
ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިފްކޯއަށް 218 ދޯންޏަކުން މަސްކިރުވާފައިވާއިރު، ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދާއި އަޅާބަލާއިރު 35.8 އިންސައްތަ ދަށް އަދަދެކެވެ. އޭގެ ކުރީ ހަފްތާގައި މިފްކޯއަށް 340 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ. އަދި މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދުވެސް ވަނީ ދަށްވެފައެވެ.
މިދިޔަ ހަފްތާގައި މަސްވެރިންނަށް މުޅި ޖުމްލަ 9،390،235 ރުފިޔާ ވަނީ ދޫކޮށްފައިވާއިރު، މިއީ އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކުރި އަދަދާއި އަޅާބަލާއިރު 43.4 އިންސައްތަ ދަށް އަދަދެކެވެ. އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވަނީ 16,609,466 ރުފިޔާއެވެ.
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ރާއްޖެއިން 52،763 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 27،950 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %88.8 އިތުރުވުމެކެވެ.
އަދުގެ ސަރުކާރުގެ އިސްކަންދެއްވާ މުހިންމު ތަޞައްވުރުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުން ހިމެނެއެވެ.
މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

