އަނބިމީހާއާ ސިއްރު ގުޅުމެއް އޮންނަ ކަމަށް ބުނެ ފިރިހެނަކަށް ހަމަލާދިން މައްސަލައެއްގައި މާލެއިން އުތުރުގެ ރަށަކަށް ނިސްބަތްވާ ފިރިހެނަކަށް އެއް މަހާއި 11 ދުވަހުގެ ޖަލު ހުކުމެއް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މި މަހުގެ 2 ވަނަ ދުވަހު ނިންމި މި މައްސަލައިގައި، ދައުވާލިބުނު ފަރާތުން ވަނީ އަނިޔާ ދިނުމުގެ ކުށަށް އިއުތިރާފުވެފައެވެ. މި ހާދިސާ ހިނގާފައިވަނީ މި އަހަރުގެ މެއި މަހު މެންދުރެއްހާއިރު، މާލޭގައި ހުންނަ ވެލާނާގޭ ކައިރީ ޕާކިންގ ޒޯން ސަރަހައްދުގައެވެ.
ޝަރީއަތުގެ މަޖިލީހުގައި ދައުވާލިބުނު ފަރާތުން ބުނެފައިވަނީ، ހަމަލާދިން މީހާ އޭނާގެ އަނބިމީހާއާ ގުޅުން ބާއްވަމުން ގެންދާ ކަމަށާއި، އޭގެ އިތުރުން އޭނާއަށް ބުލީކޮށް އެކި ފަހަރު މަތިން ފުރައްސާރަކޮށް ހަދާފައިވާ ކަމަށެވެ.
ކޯޓުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި މިއީ ދައުވާލިބުނު ފަރާތުން މި މީހާއަށް ހަމަލާދީގެން ކުރެވުނު ދެވަނަ ދައުވާއެވެ. ކުރީ ފަހަރު 2023 ވަނަ އަހަރު ދައުލަތާއެކު ހެދި އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އޭނާ ވަނީ 10،800 ރުފިޔާގެ ޖޫރިމަނާއަކުން މިނިވަންވެފައެވެ. މި ފަހަރުގެ ހާދިސާ ހިނގާފައިވަނީ އެ މައްސަލައިގެ ހުކުމް އިއްވި ތާ ދެ ދުވަސް ފަހުންނެވެ.

