“އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް” އޭއީއެޗްގެ މެޑިކަލް އިންޓާންޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އޭއީއެޗް ކުރި އިއުލާނެއްގައި ބުނީ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުގެ އެއް ވަނަ އިންޓޭކްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އަދި 15 ފަރާތަކަށް ޖާގަދޭން ނިންމާފައިވާ ކަމަށެވެ. އަދި ޕްރޮގްރާމު ހިންގަނީ ޑޮކްޓަރުންގެ އަތުން މަހަކު 14،500ރ. ގެ ފީއެއް ނަގައިގެންނެވެ. އޭޑީކޭގައި 20 ޑޮކްޓަރުން ދަނީ އިންޓާންޝިޕް ހަދަމުންނެވެ.
ޝަރުތު ހަމަވާނީ މެޑިކަލް ކޮލެޖު ނުވަތަ ޔުނިވާސިޓީން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް އޮތް ފަރާތްތަކާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރަޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ.
އެޕްލިކޭޝަން ފޯމާ އެކު އެމްބީބީއެސް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓާއި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ ފަދަ ލިޔުންތައް ހުށަހަޅަން ޖެހެ އެވެ. އަދި އިންޓާންޝިޕް ޕްރޮގްރާމަށް ހޮވޭ ފަރާތްތަކުން ޕްރޮގްރާމު ފެށުމުގެ ކުރިން ހޮސްޕިޓަލުން އެންގުމުން ސެޓްފިކެޓްތަކުގެ އަސްލު ގެންދަން ޖެހޭނެ ކަމަށް އިއުލާނުގައިވެއެވެ.

