ށ.މާއުނގޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީއިން ބުނެފިއެވެ.
އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީއިން ބުނީ މުޅި މަޝްރޫޢުގެ ޖުމްލަ %75 މަސައްކަތް ނިމިފައިވާކަމަށެވެ.
މާއުނގޫދޫ ބަނދަރު ތަރައްްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ ހިލަތަކުގެ ތިންވަނަ ޝިޕްމަންޓް މިހާރު އެރަށަށް ގެންގޮސްފައިވާކަމަށާއި، އަދި މަޝްރޫޢުގެ ދަށުން، 59،013.29 އަކަމީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3245.48 ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން، 105 މީޓަރު ގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މާއުނގޫދޫ ފަޅުތެރެ ގަދަވުމުގެ ސަބަބުން ބޯޓުފަހަރުތަކަށް އިޔާދަ ނުކުރެވޭވަރުގެ ގެއްލުންތައް މީގެކުރިން ލިބިފައިވެއެވެ. އެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި އެރަށު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން، ފަށްޓަވާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

