ނޭޕާލްގައި ޒުވާނުން ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ބޮޑުވަޒީރު ޝަރުމާ އިސްތިއުފާ ދެއްވަން ފުރަތަމަ ދެކޮޅު ހެއްދެވި ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ ސިފައިންގެ އިސްވެރިންގެ އެދުމުގެ މަތިން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް ނޭޕާލްގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ޝަރުމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ މިހާރު ހިނގަމުންދާ ކަންކަމަށް ދުސްތޫރީ ހައްލެއް ގެނައުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.
ނޭޕާލުގައި މުޒާހަރާތައް ފެށީ، އެ ގައުމުގައި ސައްހަ ނޫން މައުލޫމާތާއި ނަފުރަތު ފެތުރުވުން ހުއްޓުވުމަށް ކަމަށް ބުނެ، 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް މަނާކުރުމާ ގުޅިގެންނެވެ.
މުޒާހަރާތައް ފެށީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާ ކުރުމާ ދެކޮޅަށް ނަމަވެސް، މިހާރު ޒުވާނުންގެ ގޮވާލުންތައް ވަނީ އިތުރުވެފައެވެ. އެގޮތުން، ފާއިތުވި އަހަރުތަކުގައި ސަރުކާރުތަކުން ހިންގައިފައިވާ ކޮރަޕްޝަނާ މެދު ނުރުހޭ ކަމަށް ބުނެ، މިހާރު އޮތް ސަރުކާރުގެ އިސްތިއުފާއަށް ވެސް ދަނީ ގޮވާލަމުންނެވެ.
މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަމުންދާއިރު، ނޭޕާލްގެ ފުލުހުން އިއްޔެ ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ބަޑި ޖަހައިފަ އެވެ. އެގޮތުން މުޒާހަރާ ތެރެއިން 19 މީހަކު މަރުވެފައިވާއިރު 400 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.
ނޭޕާލްގައި ސޯޝަލް މީޑިއާގެ މަޝްހޫރު ހުރިހާ ޕްލެޓްފޯމެއް މަނާކޮށްފައި ވާއިރު މިދިޔަ ޖުލައި މަހު އެ ގައުމުގައި ވަނީ އޮންލައިން ފްރޯޑާއި މަނީ ލޯންޑަރިން އާންމުވަމުންދާ ކަމަށް ބުނެ ޓެލެގްރާމް ވެސް މަނާކޮށްފަ އެވެ. އަދި މުޒާހަރާތައް ހޫނުވެ، 19 މީހަކު މަރުވުމާ ގުޅިގެން ނޭޕާލްގައި މަނާ ކުރި ސޯޝަލް މީޑިއާގެ އެޕްތައް ހުޅުވާލައި، މިއަދު ވަނީ ދޫކޮށްލައިފައެވެ.

