ކ. ގުޅީ ބިންހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދާ އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި މަޝްރޫޢުގެ ދަށުން 940 މީޓަރުގެ ހިލަ ރިވެޓްމަންޓް އަދި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް ގްރޮއިންސް ޖެހުމުގެ މަސައްކަތުގެ 88 އިންސައްތަ އަދި ޖިއޯބޭގް ރިވެޓްމަންޓު ޖެހުމުގެ މަސައްކަތުގެ 48 އިންސައްތަ ވަނީ ނިމިފައެވެ. މުޅި މަޝްރޫޢުގެ 88 އިންސައްތަ މަސައްކަތް ވަނީ ނިންމާފައެވެ.
2023 ވަނަ އަހަރުގެ މާރޗް މަހު އެމްޓީސީސީއާ ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން 10.15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢު ނިމުމުން ގުޅީގެ ބިމުގެ ބޮޑުމިން 2 ގުނައަށް އިތުރުވެގެންދާނެއެވެ.
ގުޅިއަކީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. އެންމެ ފަހުން އެރަށުން ބިން ދޫކޮށްފައިވަނީ 2003 ވަނަ އަހަރު 13 ބިން ދޫކުރުމަށްފަހުއެވެ. އޭގެފަހުން ބިން ދޫކޮށްފައިނުވާއިރު، ބޯހިޔާވަހިކަމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.
83 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިމުމުން، ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ލިބުމުގެ އިތުރުން، ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފުޅާވެ، ރަށަށް އިޤްތިޞާދީ ގޮތުން ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ރަށުގެ ރައްޔިތުން އުންމީދުކުރެއެވެ.

