ރަޝިޔާގައި އުފައްދައި ޓެސްޓުކުރަމުން އައި ކެންސަރު ވެކްސިން، އެންޓެރޮމިކްސް، ކްލިނިކަލް ޓްރަޔަލްތަކުގައި 100 ޕަސެންޓް ކާމިޔާބުވެފައިވާ ކަމަށް އެ ގައުމުގެ ފެޑެރަލް މެޑިކަލް އެންޑް ބަޔޮލޮޖިކަލް އެޖެންސީ (އެފްއެމްބީއޭ) އިން އިއުލާނުކޮށްފި އެވެ.
އެފްއެމްބީއޭގެ ވެރިޔާ ވެރޮނިކާ ސްކޮޓްޒޯވާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ވެކްސިނާ އެއްގޮތަށް އުފައްދާފައިވާ މި އެމްއާރްއެންއޭ ވެކްސިންގެ ޕްރީކްލިނިކަލް މަރުހަލާގައި ވަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ފެނިފައެވެ. އަދި މިއީ ރައްކާތެރި އެއްޗެއްކަން ވެސް ކަށަވަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
“ރަޝިޔާގެ އެންޓެރޮމިކްސް ކެންސަރު ވެކްސިން މިހާރު ވަނީ ކްލިނިކަލް ބޭނުންތަކަށް ތައްޔާރުވެފައި،” އެފްއެމްބީއޭ އިން ބުނެފައިވެ އެވެ. މި ވެކްސިނުން ކެންސަރުގެ ޓިއުމަރުތައް ކުޑަކޮށްލައި އަދި ފެތުރުނަ ނުދީ ހިފަހައްޓާ ކަމަށާއި، ކޮންމެ މީހަކަށް އެ މީހެއްގެ ހާލަތާ ގުޅޭ ގޮތަށް ބަދަލުކުރެވޭ މި ވެކްސިން ތަކުރާރުކޮށް ބޭނުންކުރުމަށް ވެސް ރައްކާތެރި ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
ރަޝިޔާ ސަރުކާރުގެ ނޫސް ކަމަށްވާ ސްޕަޓްނިކް އަށް ދެއްވި އިންޓަވިއުއެއްގައި ސްކޮޓްޒޯވާ ވިދާޅުވި ގޮތުގައި މި ވެކްސިންގެ ފުރަތަމަ ބާވަތް ބޭނުންކުރާނީ ކޮލޮރެކްޓަލް ކެންސަރުގެ ބަލި މީހުންނަށެވެ. އަދި ދެވަނަ ބެޗް ބޭނުންކުރާނީ ސިކުނޑީގެ ނުރައްކާތެރި އަދި އާންމު ކެންސަރެއް ކަމަށްވާ ގްލިއޯބްލާސްޓޯމާ އާއި ހަމުގެ ކެންސަރުތަކާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއާރްއެންއޭގެ ވެކްސިންތައް މަސައްކަތް ކުރަނީ މެސެންޖާ އާރްއެންއޭގެ ބައިތަކެއް ހަށިގަނޑަށް ތައާރަފްކޮށް، ސެލްތަކުން ވަކި ޕްރޮޓީނެއް އުފައްދަން މެސެޖު ދީގެންނެވެ. ކެންސަރު ބަލީގެ ހާލަތްތަކުގައި، ދިފާއީ ނިޒާމަށް ކެންސަރުގެ ސެލްތައް ދެނެގަނެ، ހަމަލާދިނުމަށް އެހީތެރިވެދޭ ގޮތަށް މި ޕްރޮސެސް ތައްޔާރުކުރެވިފައިވާ ކަމަށް ސައިންޓިސްޓުން ބުނެފައިވެ އެވެ.

